ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން މިރޭ ކުޅުނު މެޗުގައި ހެމްބާގް ކައިރިން އެއްވަރުވެއްޖެއެވެ.
ހެމްބާގުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވުމާއެކު ބްރޫޝިއާ ޑޯޓްމަންޑަށް ވަނީ އެއްވަނައިގައި ލީޑު ފުޅާކުރަން ފުރުސަތު ލިބިފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު ޑޯޓްމަންޑް އޮތީ 10 މެޗުން 24 ޕޮއިންޓާއެކުގައެވެ. ބަޔާނުން ދެވަނައިގައި 11 މެޗުން 23 ޕޮއިންޓާއެކު އޮތް އިރު، ޑޯޓްމަންޑުން މިހަފުތާ ކުޅޭ މެޗުގައި މާދަމާ ރޭ ނުކުންނާނީ ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ.
މިރޭ ބަޔާނަށް ނަތީޖާ ނެރުމަށް އުނދަގޫވީ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ޖޯޝުއާ ކިމިކަށް ރަތް ކާޑު ދެއްކުމުންނެވެ. ކިމިކަށް ރަތް ކާޑު ދެއްކީ ހެމްބާގުގެ އެލެކްސެންޑާ ރޮސިން-ލެލެސީޓް އިސްތަށިގަނޑުގައި ހިފައި ދަމައިގަތުމުންނެވެ.
މިއީ މި ސީޒަނުގެ ލީގުގައި ބަޔާން ކުޅުނު މެޗެއް ގޯލެއް ނުޖެހި ނިމިގެން ދިޔަ ދެވަނަ ފަހަރެވެ. ޝާލްކޭ ކައިރިން ސެޕްޓެމްބަރު މަހުވެސް ބަޔާނުން ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، ބަޔާން އަދި މިސީޒަނުގައި ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެޓީމުން ވަނީ ފަސް މެޗުން އެއްވަރުވެފައެވެ.
މިރޭ ކުޅުނު މެޗުގައި ބަޔާނަށްވުރެ ރަނގަޅު ފުރުސަތުތައް ލިބުނީ ހެމްބާގަށެވެ. މާޓިން އެޑެލީންއާއި ސެބަސްޓިއާން ބޯނައުގެ ހަމަލާތައްވެސް މަތަކުރީ ބަޔާންގެ ގޯލް ބެލެހެއްޓި ޖޯނަސް އާބިގެވެ. އޭނާ ބަޔާންގެ ގޯލް ބަލަހައްޓަމުން ދިޔައީ މެނުއަލް ނޯޔާ އަނިޔާގައި ހުރުމުންނެވެ.
ކޮމެންޓް