ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައި މިރޭ އަފްގާނިސްތާނާއި ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ. މުބާރާތުގައި އަފްގާނިސްތާން ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ ކައިރިން 1-0 އިން މޮޅުވި އިރު، ޕާކިސްތާނާއި ބަންގްލަދޭޝް ވާދަކުރި ފުރަތަމަ މެޗު އެއްވަރުވީ 0-0 އިންނެވެ.

ރާއްޖޭން މިއަދު ހަވީރު ޕާކިސްތާން ކައިރިން 3-0 އިން ބަލިވުމުން ރާއްޖޭ ކެޓި ނަމަވެސް، މިހާރު ތާވަލު އޮތް ގޮތުން އަފްގާނިސްތާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނަށްވެސް ފައިނަލަށް ދެވެން އެބައޮތެވެ.

ޕާކިސްތާން ދެމެޗުން ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، އަފްގާނިސްތާން ދެވަނައިގައި އޮތީ ދެމެޗުން ތިން ޕޮއިންޓާއެކުގައެވެ. ބަންގްލަދޭޝްއަށް ދެމެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، ރާއްޖެއަށް އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ފަހު ދެމެޗަށް ބަލާއިރު، ރާއްޖެ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އަފްގާނިސްތާން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި 0-0 އިން އަފްގާނިސްތާނާއި ބަންގްލަދޭޝް އެއްވަރުވި އިރު، މެޗުގެ ކުރީކޮޅުގައި އަފްގާނިސްތާން ނުރައްކާ ކުރިއެވެ. އޮމިދު ޕޮޕޯލްޒޭގެ ނުރައްކާތެރި ހަމަލާއެއް ނުރައްކާކޮށް ދިޔަ އިރު، އޭނާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ބަންގްލަދޭޝްގެ ކީޕަރު މެހެދީ ހަސަން ސްރަބޯރީ އަތުގައި ޖެހި، ދަނޑީގައިވެސް ޖެހިފައެވެ.

އޭގެފަހުން ބަންގްލަދޭޝްގެ ރާބީ ހުސެން ރާހުލަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، ދެވަނަ ހާފުގައިވެސް އޭނާ ނުރައްކާކުރިއެވެ. އެގޮތުން ރާބީ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގެ މެޗުތައް ދެން އޮންނާނީ އާދީއްތަ ދުވަހުއެވެ. އެދުވަހު ހަވީރު ޕާކިސްތާނުން ވާދަކުރާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އަދި، އެރޭ ކުޅޭ މެޗުގައި ރާއްޖޭން ބަންގްލަދޭޝާ ވާދަކުރާނެއެވެ.