ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ބޮޑުތަނުން ކާމިޔާބުކޮށްފި ކަމަށާއި، އެކަން އެންމެ ބޮޑަށް ޔަގީންވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް އައްޑުއަށް ވަޑައިގަންނަވަން ކެރިވަޑައިނުގަތުމުންކަމަށް އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
މިއަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް މިރޭ ހިތަދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯދިގު ވިދާޅުވީ ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓާއި އެ ޕާޓީގެ އިސްވެރިންގެ އަމަލުތަކަށް ބަލާލުމުންވެސް އިންތިހާބު ކާމިޔާބުވެއްޖެކަން ޝައްކެއްނެތް މިންވަރަށް އެނގޭ ކަމަށެވެ.
"މި އިންތިހާބު ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށް ރައީސް މުއިއްޒުއަށް ކެރިވަޑައިނުގަތް މި ރަށު ވަޑިފަތި ޖޯއްޔެއްގައި ޖައްސާލުމަށް ވެސް އައްޑުއަށް ވަޑައިގަތުމަށް،"
ސޯދިގު ވިދާޅުވީ އޭނާ ވަނީ ދާއިރާގެ ހުރިހާ ގެއަކަށާއި ކެފޭތަކަށް ޒިޔާރަތްކޮށް، މާލޭގައި ދިރިއުޅޭ ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށްފައި ކަމަށެވެ. އަދި 600 އަށް ވުރެ ގިނަ ރައްޔިތުންނާ ފޯނުން ވާހަކަދެކެވިފައިވާ ކަމަށާއި، އެ ހުރިހާ ބައްދަލުވުންތަކުންވެސް ފެނިގެންދިޔައީ ރައްޔިތުން ވޯޓުލާން ތައްޔާރަށް ތިބި މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ މެންބަރަކު އިންތިހާބު ކޮށްގެން އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން މަޖިލީހުގައި ސުވާލެއް ނުކުރާނެކަމަށް ސޯބެ ވިދާޅުވިއެވެ. އޭނާ މަޖިލީހަށް ވަންނަނީ އައްޑޫގެ ރައްޔިތުންގެ ހައްގުގައި ސަރުކާރާ ސުވާލުކޮށް، ހަންކެޑެ ފަދަ މަޝްރޫއުތައް ނުހިނގާ ސަބަބު ހޯދުމަށްކަމަށްވެސް ސޯދިގު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް