މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ޖުމްލަ 1،888،354 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1،947،991 ފަތުރުވެރިންނާ އަޅައިބަލާއިރު 3 ޕަސަންޓު ދަށް އަދަދެކެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން 1،369،388 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 403،888 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، ހޮޓާތަކުގައި 41،301 ފަތުރުވެރިން އަދި ސަފާރީތަކުގައި 36،411 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ޖުމްލަ 68،128 އެނދު އޮޕަރޭޓްކުރަމުން އަންނައިރު، އޭގެ ތެރެއިން 25 ޕަސަަންޓު ހިއްސާކުރަނީ ގެސްޓްހައުސްތަކުންނެވެ.

ޓޫރިޒަމްގެހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ 20 އަތޮޅެއްގެ 111 ރަށެއްގައި މިހާރު ގެސްޓްހައުސްތައް އަންނަނީ ހިންގަމުންނެވެ. މި ތަންތަނުން ފަތުރުވެރިކަމުގެ ސިނާއަތަށް 16،866 އެނދު ވަނީ ނެރެފައެވެ.