ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް" އާއި "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ" (އެމްއެލްއެސްޑީޕީ) އިލެކްޝަންސް ކޮމިޝަން (އީސީ) އިން އުވާލައިފިއެވެ.

އީސީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ ދެ ޕާޓީ އުވާލަން ނިންމީ، ސިޔާސީ ޕާޓީއެއްގެ ސައްހަކަން ދެމެހެއްޓުމަށް ގާނޫނީ ގޮތުން ލާޒިމުކުރާ 3,000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތު ހަމަވިއިރުވެސް އެ އަދަދަށް މެމްބަރުން ހަމަވެފައި ނުވާތީ ކަމަށެވެ. އެ ނިންމުމާއެކު އެ ދެ ޕާޓީ މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ ރަސްމީ ދަފުތަރުން އުނިކޮށްފައެވެ.

2023 ވަނަ އަހަރުގެ ޖުލައި 12 ގައި ދަ ޑިމޮކްރެޓްސް އުފެއްދީ އޭރުގެ އެމްޑީޕީގެ ތެރޭގައި އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކަށް ފަހު، ނަޝީދަށް ވަފާތެރި މެމްބަރުން އެ ޕާޓީން ވަކިވެގެންނެވެ. އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރާއެކު އުފެއްދި އެ ޕާޓީން ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރެ، ތިންވަނައަށް އެންމެ ގިނަ ވޯޓުވެސް ހޯދިއެވެ. ނަމަވެސް، ފަހަކަށް އައިސް ޑިމޮކްރެޓްސްގެ އިސް ގިނަ ބޭފުޅުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕާޓީގެ ބާނީ ނަޝީދު ވެސް ހިމެނިވަޑައިގަންނަވާއިރު، އެމަނިކުފާނު މިހާރު ތައްޔާރުވަމުންދަނީ މި މަހުގެ 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވުމަށެވެ.

"ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ނަޝީދު ވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ފައްޔާޒު އިސްމާއިލަށް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.