ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ޕާކިސްތާން އެއްވަރު ވެއްޖެއެވެ.
ޑައިމަންޑް ޖުބިލީ މުބާރާތް މިއަދު ފަށާފައިވާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ. ބަންގްލަދޭޝްއިން ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު މުބާރާތަށް އައިސްފައިވާ އިރު، މިއަދުގެ މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަހު 30 ވަރަކަށް މިިނިޓް ބަންގްލަދޭޝްއިން ކުޅުންތެރިޔަކު މަދުކޮށް ކުޅެފައިވާ އިރު، މެޗުގެ 62 ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ކެޕްޓަން މޮންޖުރޫރް ރަހުމާނަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ. އެއީ ބޯޅަ ނެތި ޕާކިސްތާންގެ ކީޕަރު ޔޫސުފް އިޖާޒް ބަޓަށް ހަމަލާ ދިނުމުންނެވެ.
މެޗުގެ ކުރީކޮޅުން ފެށިގެންވެސް ބޮޑަށް ނުރައްކާކުރީ ޒުވާން ބަންގްލަދޭޝްއިންނެވެ. އެޓީމުން ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތައްވެސް ތަނަވަސް ކޮށްފައިވާ އިރު، އިފްތިއާރު ހުސެއިނަށް ފުރަތަމަ ހާފުގައިވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭނާއަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ޕާކިސްތާން ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފައެވެ.
އޭގެފަހުން ބަންގްލަދޭޝްގެ ނަޒްމުލް ހުދާ ފައިސަލް ފޮނުވާލި ހަމަލާ ބޭރަށް ދިޔަ އިރު، ޕާކިސްތާނުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން މެޗުގެ 56 ވަނަ މިނިޓްގައި ޕާކިސްތާންގެ އަލަމްގީރް އަލީ ހާން ގާޒީ އޭރިއާބޭރުން ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަލީ ހައިދަރު ޝާހު ފޮނުވާލި ހަމަލާ، ބަންގްލަދޭޝްގެ ކީޕަރު މެހެދީ ހަސަން ސަރާބޯން މަތަކުރިއެވެ.
އެ ފުރުސަތުތަކާއެކުވެސް މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ ދެ ވަނަ މެޗުގައި މިރޭ 9 ޖަހާ އިރު، ރާއްޖޭން ކުޅޭނީ އަފްގާނިސްތާނާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ