އަންނަ ޖޫން މަހު 11 ވަނަ ދުވަހު އުތުރު އެމެރިކާގައި ފަށާ ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިންޓަ މިއާމީއަށް ކުޅުނު ފަހު މެޗުގައި އަނިޔާވެ ބާލަން ޖެހިއްޖެއެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީއަކީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ މެސީ ވަނީ އެފަހަރު އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އެ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމުގެ ކެރިއަރު ނިންމާލާނެކަމުގެ އިޝާރާތެއް މެސީ ކުރި ނަމަވެސް، މިފަހަރު ވޯލްޑް ކަޕަށް ދާންވެސް އޭނާ ހުރީ ތައްޔާރަށެވެ.

އުމުރުން 38 އަހަރުގެ މެސީގެ އިންޓަ މިއާމީން ރޭ ކުޅުނު މެޗުގައި 6-4 އިން ފިލަޑެލްފިއާ ޔޫނިއަން ބަލިކުރި އިރު، ހިލޭ ޖެހުމަކާއެކު މެސީގެ ފަލަމަސްގަނޑަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތިވެފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި މެސީ ބަދަލުކުރި ވަގުތުވެސް ފަލަމަސްގަނޑުގައި އަތްއެޅި މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

އިންޓަ މިއާމީގެ ކޯޗު ގިލާމޯ ހޯޔޯސް ބުނީ ބޮޑަށް ބެލެވޭ ގޮތުގައި މެސީއަށް ދިމާވީ މަސްގަނޑު ވަރުބަލިވުމުގެ މައްސަލައެއް ކަމަށެވެ. އެއީ ދަނޑުގެ ހާލަތު އޮތް ގޮތުން ކަމަށް އޭނާ ފާހަގަކުރި އިރު، އަނިޔާގެ ތަފްސީލު އެނގޭނީ މެޑިކަލް ރިޕޯޓުތައް ލިބުން ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ މިހާތަނަށް އިއުލާނުކުރީ އާޖެންޓީނާގެ ވަގުތީ ސްކޮޑެކެވެ. އެއީ 55 ކުޅުންތެރިންގެ ސްކޮޑެކެވެ. އެ ސްކޮޑުގައި މެސީ ހިމަނާފައިވެއެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ވޯލްޑް ކަޕް ބާއްވަން ތައްޔާރުވަމުންދާ އިރު، އެމެރިކާ ލީގުން ވޯލްޑް ކަޕާ ދިމާކޮށް ނަގާފައި ވަނީ ބްރޭކެކެވެ. އެއީ ސީޒަންގެ މެދުންނެވެ.