ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައިވާ އިރު، ރާއްޖޭން ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެއެވެ.

އަންނަމަހު އެކަކުން 10 ވަނަ ދުވަހާ ހަމައަށް މާލޭގައި ބާއްވަން ނިންމާފައިވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާއި އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނާއި ބަންގްލަދޭޝް ވާދަކުރާނެއެވެ. ލީގު އުސޫލުން މުބާރާތް ކުރިއަށް ގެންގޮސް، ފައިނަލް ކުޅޭ ގޮތަށް ނިންމާފައިވާ އިރު، މުބާރާތް ފަށާނީ ޕާކިސްތާނާއި ބަންގްލަދޭޝް މެޗުން އެއްވަނަ ދުވަހު ހަވީރުއެވެ.

އެރޭ ފެށުމުގެ ރަސްމިއްޔާތަކަށްފަހު ރާއްޖެއާއި އަފްގާނިސްތާން ވާދަކުރާ އިރު، ރާއްޖޭން ދެވަނަ މެޗުގައި ހަތަރުވަނަ ދުވަހު ހަވީރު ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެއެވެ. އަދި ރާއްޖޭން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ބަންލްގަދޭޝްއާ ދެކޮޅަށް ނުކުންނާނީ ހަތްވަނަ ދުވަހުގެ ރޭ 9:00 ގައެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ސްކޮޑުން ފަރިތަކުރުންތައް ކުރިއަށްގެންދާ އިރު، ރާއްޖޭން ފުރަތަމަ މެޗުގައި ޖެހޭ އަފްގާނިސްތާނުން މީގެ ކުރިން ވަނީ 2014 ވަަނަ އަަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައިވެސް ވާދަކޮށްފައެވެ. އޭގެ އިތުރުން އަފްގާނިސްތާނުން ވަނީ 2003 އިން ފެށިގެން 2015 އާ ހަމައަށް ސާފް ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައެވެ. ސާފް ޗެމްޕިއަންޝިޕްގެ ހަތް މުބާރާތެއްގައި އަފްގާނިސްތާނުން ކުޅުނު އިރު، ފަހު ތިން މުބާރާތުގެ ފައިނަލުގައި ވާދަކޮށް 2013 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދިއެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގެ ދައުވަތު އެންމެ ފުރަތަމަ ގަބޫލުކޮށް، މުބާރާތުގައި ބައިވެރިވާނެކަމަށް ރަސްމީކޮށް އިއުލާނު ކުރީ ލަންކާ ނަމަވެސް، އެ ގައުމުން ނަން އަނބުރާ ގެންދިޔުމުން ޖާގަ ދިނީ އަފްގާނިސްތާނަށެވެ. އެ މުބާރާތުގެ މެޗުތަކަކީ ފީފާ ޓަޔާ 1ގެ އެކުވެރިކަމުގެ މެޗުތަކެކެވެ.