ވ. އަލިމަތާ ކައިރީގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާގައި އިޓަލީގެ ފަސް ޑައިވަރުން މަރުވާން މެދުވެރިވީ، ހޮހަޅައިގެ ތެރޭގައި މަގު އޮޅި، ކޮޅުބެދިފައިވާ ބަޔަކަށް ވަދެވުމުން ކުރިމަތިވި ހާސްކަމުގެ ތެރޭގައި ކަމަށް ރެެސްކިޔު ޓީމުގައި ހިމެނޭ ޑައިވަރެއް ވިދާޅުވެއްޖެއެވެ.
މަރުވި ޑައިވަރުންގެ ހަށިގަނޑުތައް ނެގި ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ ވިދާޅުވީ ހޮހަޅައިގެ ދެވަނަ ބަޔަށް ވަދެ ބަލައިލާއިރު ނުކުމެވޭނެ މަގު އޮޅޭ ގޮތްވާ ކަމަށެވެ. އެއީ މަގާ ދިމާލުން ވެލި އުސްކޮށް އެޅިފައި ހުރުމުން، ދެވަނަ ބައިގެ ތެރޭގައި ތިބެގެން ބަލާއިރު ނުކުމެވޭނެ މަގު ނުފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މަރޯނީ ލަފާކުރައްވާ ގޮތުގައި، ޑައިވަރުންނަށް ނުކުމެވޭނެ މަގު ނުފެނިގެން ހާސްކަމުގެ ތެރޭގައި އިތުރަށް އެތެރެއަށް ދެވުނީއެވެ. އެގޮތުން އެ މީހުންނަށް ވަދެވުނީ ހޮހަޅައިގެ ތިންވަނަ ބަޔަށެވެ. އެއީ އެއްވެސް ދިމާލަކުން ނުކުމެވޭނެ ގޮތެއް ނެތް، ކޮޅުބެދިފައިވާ ތަނެކެވެ.
މި ހާދިސާގައި މަރުވި މޮނިކާ މޮންޓެފަލްކޯން (52އ) އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލް (20އ) ގެ އިތުރުން މުރިއެލް އޮޑެނީނޯ (31އ) އާއި ފެޑެރިކޯ ގުއަލްޓިއޭރީ (31އ) ގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ އެންމެ ފަހު ބައިގެ ދޮރުމަތިން، ގާތްގަނޑަކަށް 165 ފޫޓު (50 މީޓަރު) އަޑިންނެވެ. މި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބުދަ ދުވަހު ނަގާފައިވާއިރު، އަނެއް ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި މި ގްރޫޕުގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) ގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ޑައިވަރުންނަކީ ރާއްޖޭގެ ސޮފްޓްކޮރަލްއާ ބެހޭ ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި ބައެކެވެ. އަދި 40 މީޓަރަށް ވުރެ އަޑިއަށް ފީނުމުގެ ހުއްދަ އޮތް ނަމަވެސް، ހުއްދަ ނެތް ދެ މީހަކު ޓީމުގައި ހިމެނޭ ކަމަށާއި، އެ މީހުން ހޮހަޅައަށް ވަންނަން އުޅޭކަން އަންގާފައި ނުވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަރޯނީ ވިދާޅުވި ގޮތުގައި، ޑައިވަރުން ބޭނުންކޮށްފައިވަނީ އާދައިގެ 12 ލިޓަރުގެ އޮކްސިޖަން ފުޅިއެވެ. މިއީ އެހާ ފުނަށް ފީނާއިރު ކަމެއް ދިމާވެއްޖެ ނަމަ، އެކަށީގެންވާ ވަގުތު ލިބޭނެ މިންވަރެއް ނޫނެވެ. މަގު އޮޅި، ވައި މަދުވާން ފެށުމުން ކުރިމަތިވާ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި އަވަސްއަވަހަށް ނޭވާލެވުމުން، ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ވައި ހުސްވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މީހުން ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެފައިވެއެވެ. މި ހިތާމަވެރި މަސައްކަތުގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، ޑައިވަރުންގެ ކެމެރާތަކުން ލިބޭ މައުލޫމާތުން މިކަން ހިނގައިދިޔަ ގޮތް އިތުރަށް ސާފުވާނެ ކަމަށް ބެލެވެއެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް