އއ. މާޅޮސް ކައިރިއަށް މީގެ ހަތަރު އަހަރު ކުރިން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ޒުވާނާ، މަރުވި ކަމަށް ކަނޑައަޅައި ކަށުނަމާދު ބާއްވަން ނިންމައިފިއެވެ.
ދެ މީހުންނާއެކު، ފަސިންޖަރުން އުފުލާ ކަހަލަ ދެ އިންޖީނުލީ ލޯންޗެއްގައި މާލޭ ކުނިކޮށި ސަރަހައްދުން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ކަމަށް ބުނާ ލޯންޗެއް އެ އަތޮޅު މާޅޮހު ކައިރިއަށް ބަންޑުން ޖަހާލި ކަމަށް ފުލުހުން ބުނެފައިވަނީ 5 އޮކްޓޫބަރު 2022 ގައެވެ.
އެ ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު ގެއްލުނު އިރު، އޭނާއާ އެކު ދެން ދަތުރުކުރި މީހާ ފަތާފައި އެ އަތޮޅު ފެރިދުއަށް އަރައި ސަލާމަތްވިއެވެ.
މިންހާޖު ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފުން ބެލިއެވެ. ނަމަވެސް އޭނާ ފެނިފައެއް ނުވެއެވެ.
ކަށުނަމާދު ޕޭޖުން މިއަދު ކުރި ޕޯސްޓުގައި ބުނި މިންހާޖު، 29، ގެ މައްޗަށް ޣައިބުގައި ކުރާ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައި އޮންނާނެ ކަމަށެވެ.
ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.
މިންހާޖު ގެއްލުނު ހާދިސާއާ ގުޅޭ މުހިންމު ބައެއް މައުލޫމާތު:
- އެ މީހުން ދިޔައީ މަސް ބާނަން ކަމަށް ސަލާމަތްވި މީހާ ބުނި
- ސަލާމަތްވި މީހާ ފުރަތަމަ އެދުނީ ކާއެއްޗެއް ދިނުމާއި ފޯނެއް ދިނުމަށް، އޭނާ ގުޅަން އުޅުނީ ކާކަށް ކަމެއް ސާފެއް ނޫން
- އެ މީހުން ދަތުރުކުރީ ފަސިންޖަރުން އުފުލާ ދެ އިންޖީނުލީ ލޯންޗެއްގައި، އޭގައި ނަމެއް ނަންބަރެއް ނެތް. ފުރީ ޕެޓްރޯލް އަޅައި ބަރުކޮށްގެން. ރަޖިސްޓަރީ ނަންބަރުގައިވާ ގޮތުން، އެ ލޯންޗަކީ ބ. ތުޅާދުއަށް ދީފައިވާ ނަމެއް.
- ތުޅާދޫ ކައުންސިލުން ބުނި ގޮތުގައި އެ ލޯންޗު ރަޖިސްޓްރީކޮށްފައި އޮންނަނީ ބ. ތުޅާދޫ މިއުނިކް, ސޮބާހް އަހުމަދު، ރަށު މީހުން ކިޔާނަމުން ނަމަ ސޮއްބެ ނަމަކަށް. އޭނާއަކީ ވަރަށް ކުރީއްސުރެ މާލޭގައި އުޅެމުންދާ ވިޔަފާރިވެރިއެއް
- މާޅޮސް ކައިރިއަށް ލޯންޗު ބަންޑުން ޖަހާލި ނަމަވެސް ސަލާމަތްވި މީހާ ފަތާފައި މާޅޮހާ 4.5 މޭލު ދުރުގައި އޮތް ފެރިދުއަށް ދިއުމަކީ، ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް މީހުން ބުނޭ
- އެ މީހުން ދަތުރުކުރީ، އާންމުކޮށް ދަތުރުކުރާ ރޫޓަކުން ނޫން
- ގިނަ ބަޔަކު ތުހުމަތު ކުރަނީ، އެ ލޯންޗު ދަތުރުކުރީ ޑްރަގު ބަލާ ކަމަށް
އަލީ ޔާމިން

ކޮމެންޓް