ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ގެނެސް މިއަހަރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ސަރުކާރު ބަދަލުކުރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މައި ހަރުގޭގައި މިރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މި ސަރުކާރު ބަދަލުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ހުންނެވީ ތާއީދު ކުރައްވައިގެން ކަމަށެވެ.

ނަޝީދު ވިދާޅުވީ ޕީއެންސީގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއް ޕާޓީ ބަދަލުކޮށް، އެމްޑީޕީއާ ގުޅޭނެ ކަމަށެވެ.

"މިއަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރަން ވެއްޖެ. އެކަމަށް ހާސްވެނުލައްވާ، ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު، އިތުބާރު ނެގޭ މިންވަރަށް ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަ ކުރެއްވެއްޖިއްޔާ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއިކުރައްވާނީވެސް ސޯބެކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ސޯބެ ނެތި އެ މަސައްކަތް ނުކުރެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.