ފީފާގެ ސެކްރެޓަރީ ޖެނެރަލް މަތިއަސް ގްރަފްސްޓްރޯމް، މިއަދުގެ ވަގުތެއްގައި އިރާން ފުޓުބޯޅަ އިދާރާގެ އިސްވެރިންނާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
އިރާނުން ކުރިން ނިންމާފައި އޮތީ މިފަހަރު ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާއި، އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދިންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ.
އިރާން ޓީމަށް ފުރިހަމަ ރައްކާތެރިކަން ދެވޭނެކަމާ މެދު އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕްވެސް ސުވާލު އުފައްދަވާފައިވާ އިރު، އިރާނުން ފުރަތަމަ މަސައްކަތް ކުރީ އެމެރިކާއިން ބޭރަށް މެޗުތައް ބަދަލުކުރެވޭތޯއެވެ. އެކަމަށް ފީފާއިން އެއްބަސްވެފައެއް ނުވެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދިފަހުން ވިދާޅުވީ އިރާނުން ވޯލްޑް ކަޕްގައި ކުޅޭނެކަން ޔަގީން ކަމަށެވެ. އިރާނަށް ފީފާ ކޮންގްރެސްގައި ބައިވެރިވެވިފައި ނުވާ އިރު، އިރާނުން ބުނީ އެމެރިކާއަށް ނުބަލައި، ފީފާގެ އެހީތެރިކަމާއެކު، ފީފާގެ ބެލުމުގެ ދަށުން ވޯލްޑް ކަޕަށް ދާން ތައްޔާރު ކަމަށެވެ.
އެކަން ކުރުމަށް ފީފާއަށް 10 ވަރަކަށް ޑިމާންޑް އިރާނުން ކޮށް، މިހާރު ޓީމު އޮތީ ތުރުކީގައެވެ. އެއީ ކޭމްޕް ކުރުމަށެވެ. ހަބަރުތައް ބުނީ ފީފާއާއި އިރާން ބައްދަލުކުރާނީވެސް ތުރުކީގެ އިސްތާންބޫލްގައި ކަމަށެވެ.
އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓާ ފޯ ލީގަލް އެންޑް އިންޓާނަލް އެފެއާޒް ކާޒެމް ގަރިބާބަޑީ ދާދިފަހުން ވިދާޅުވީ އިރާންގެ ޑިމާންޑްތައް ފުރިހަމަކޮށްދިނުމަކީ ފީފާގެ ޒިންމާއެއް ކަމަށެވެ. އަދި އޭގެ ތެރޭގައި ވިސާގެ ކަންކަމާއި ސަލާމަތީ ކަންކަންވެސް ހިމެނޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިރާން ޓީމަށް އަދިވެސް އެމެރިކާގެ ވިސާ ލިބިފައެއް ނުވެއެވެ. ދާދިފަހުން ބޭއްވި ފީފާ ކޮންގްރެސްގައި އިރާނަށް ބައިވެރިވެވިފައެއް ނުވެއެވެ. ފީފާގައި ހިމެނޭ 211 ގައުމުގެ ތެރެއިން އިރާނަށް އެކަނި ކޮންގްރެސްގައި ބައިވެރިވެފައި ނުވަނީ އިރާނުގެ ފުޓުބޯޅަ އިދާރާގެ ރައީސް މެހެދީ ތާޖާއެކު ކެނެޑާއަށް ދިޔަ އޮފިޝަލުން އެގައުމަށް އެތެރެވާން ހުއްދަ ދީފައި ނުވާތީއެވެ.
ކެނެޑާއިން ނިންމީ އިރާން ފުޓުބޯޅަ އިދާރާގެ ރައީސް ތާޖަކީ އިރާނުގެ އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ކަމަށެވެ. އެ ޖަމާއަތަކީ ކެނެޑާގެ އިތުރުން އެމެރިކާއިންވެސް ބުނާ ގޮތުގައި ނިރުބަވެރި ޖަމާއަތެކެވެ.
އެހެންކަމުން ވިސާއަށް އަދިވެސް މައްސަލަތައް އަންނާނެ ކަމަށް ބެލެވޭ އިރު، ފީފާއިން އިދާރާތަކާ މަޝްވަރާކުރާ ކަމަށް ނޫސްތައް ބުނެއެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ
ފީފާ
ފީފާ
ފީފާ