ވެރިކަން ކުރެއްވި ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވެރިކަން ކުރެއްވުމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއި، އެއީ އެންމެ ފުރިހަމަ ވެރިކަންތަކެއް ނޫން ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.
ތިން ރައީސުން މިރޭ ވަނީ އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެކުގައި މަސައްކަތްކުރެއްވުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެއަށްފަހު ތިން ރައީސުން އެކުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ތިން ބޭފުޅުން މިއަދު އެކުގައި ނުކުމެވަޑައިގެން ތިއްބެވީ ކުރީގެ ވެރިކަންތަކަކީ އެންމެ ފުރިހަމަ ވެރިކަންތައްކަމަށް ދެކިވަޑައިގެން ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގައިވެސް ކަންތައްތަކެއް ހުންނާނެ ގޯސްކޮށް ހިނގާފައި. އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް، އަދި އޭގެ ފަހުން ރައީސް ސޯލިހްގެ ވެރިކަމުގައި ވެސް،" ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް އެއީ ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށްޓަކައި އެކުގައި މަސައްކަތް ނުކުރަންޖެހޭ ސަބަބެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ، ކުރީގެ ވެރިކަންތަކުގައި ގޯސްތަކެއް ހުރި ނަމަވެސް، މިއަދު އެ ބޭފުޅުން އެކުގައި ނުކުންނަވަން މަޖުބޫރުވީ މިހާރުގެ ހާލަތު މާ ބޮޑަށް ގޯސްވެފައިވާތީ ކަމަށެވެ. ގައުމުގެ ހައްގުގައި ހިޔާލުތަފާތުވުންތައް އެކަހެރިކޮށް، ގައުމު ސަލާމަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. ރައްޔިތުންގެ ހައްގުތަކާއި މާލީ ތަނަވަސްކަމަށް އޮތް ބިރުވެރިކަމާ މެދު ތިން ރައީސުން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، މިހާރުގެ މައިގަނޑު އަމާޒަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރި ހުރަސްތައް ނައްތާލުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުންކަމަށް ނަޝީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު