ކޯޓުގެ ހުރުމަތް ކަނޑާލިކަން ސާބިތުވުމުގެ ސަބަބުން މިހާރު ޖަލަށްލައިފައިވާ ދެ ނޫސްވެރިން ދޫކޮށްލުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން، މުހައްމަދު ނަޝީދު އަދި އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ތިން ރައީސުން މިރޭ ވަނީ އެކުގައި މަސައްކަތްކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އެކުގައި މަސައްކަތްކުރެއްވުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
ތިން ރައީސުން ސޮއިކުރެއްވި އެއްބަސްވުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ހައްޔަރުކޮށް ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ސަބަބުން ބަންދުކުރި އެންމެން ދޫކޮށްލުމަށާއި، ނޫސްވެރިންގެ މައްޗަށް ހިންގާ ގައިރު ގާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް ސަރުކާރަށް ވަނީ ޑިމާންޑްކޮށްފައެވެ.
އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ހާއްސަ މަންދޫބުންގެ ޓީމެއް އެކުލަވައިލުމަށް ވަނީ ނިންމާފައެވެ. އެ ޓީމުތަކުން ގުޅިގެން ސަރުކާރު އިސްލާހުކުރުމުގެ މަސައްކަތްތައް ރާވާނެ ކަމަށް ތިން ބޭފުޅުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
ރައީސުންގެ އިގުރާރުގައި ސަރުކާރާ މެދު ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ.
- ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއެޅުން
- ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވައިލުން
- ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަނިކޮށް ބާރުތައް ނެތިކޮށްލުން
- ތަކެތީގެ އަގު އުފުލި، ސަރުކާރުގެ އިސްރާފު ބޮޑުވެ، އާންމު ދިރިއުޅުމުގެ ހާލަތު ގޯސްވުން
- ރާއްޖެއިން ޑިމޮކްރެސީގެ އުސޫލުތައް ފޮހެވިގެންދިއުން
"ގައުމު ހަމަ މަގަށް އެޅުވުމަށް އަޅުގަނޑުމެން ތިން މީހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ،" ތިން ރައީސުން ސޮއިކުރެއްވި އެއްބަސްވުމުގައިވެއެވެ.
ނަޝީދު، ޔާމީން އަދި ސޯލިހު އެއްބަސްވެވަޑައިގަތީ ސަރުކާރުން އެކަންކަން އިސްލާހުކޮށް، ގައުމުގެ ހާލަތު ރަނގަޅު ކުރަންދެން އިސްލާހީ މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށެވެ.
މުހައްމަދު އިޝާން
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ