ކުރީގެ ތިން ރައީސެއް ކަމަށްވާ އަބްދުﷲ ޔާމީން، އިބްރާހިމް މުހައްމަދު ސޯލިހު އަދި މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރެއްވުމާބެހޭ އެއްބަސްވުމެއްގައި މިރޭ ސޮއިކުރައްވައިފިއެވެ.
އެ ތިން ބޭފުޅުން މިރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ ގައުމުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެކުގައި މަސައްކަތްކުރެއްވުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. ގާތްގަނޑަކަށް ބައިގަޑިއިރަށް ދެމިގެންދިޔަ އެ ބައްދަލުވުމަށްފަހު އާންމުކުރި ބަޔާނުގައި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ތިން ރައީސުންގެ މައިގަނޑު ކަންބޮޑުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަށް އަރައިގަތުމާއި، ޝަރުއީ ނިޒާމަށާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމެވެ.
މީގެ އިތުރުން، އިގުތިސޯދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، ތަކެތީގެ އަގު އުފުލުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލެމުންދާ ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިން އެތައް މަސައްކަތަކުން ހޯދި ޑިމޮކްރަސީގެ އުސޫލުތައް މުގުރެމުންދާތީ، ގައުމު އަލުން ހަމަ މަގަށް އެޅުވުމަށް އެ ތިން ބޭފުޅުން ގުޅިގެން މަސައްކަތް ކުރެއްވުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ސަރުކާރުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ސަރުކާރު ނުކުޅެދިފައިވާކަން ތިން ރައީސުން ފާހަގަކުރެއްވިއެވެ.
ތިން ރައީސުން ވަނީ، ކޯޓު އަމުރަކާ ހިލާފުވި ކަމުގެ ދައުވާގައި ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ގުޅިގެން ބޭއްވި އިހުތިޖާޖުތަކުން ހައްޔަރުކުރި މީހުން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވައިފައެވެ.
އަދި "އަދަދު" ނޫހުގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ހިންގާ ޝަރީއަތްތައް ހުއްޓާލުމަށްވެސް ވަނީ ގޮވާލައިފައެވެ.
މުހައްމަދު އިޝާން
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ