އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އޭނާގެ "އިތުބާރު" މެނިފެސްޓޯ ލޯންޗުކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ކުރުކޮށްލުމަށްފަހު، އެތަނަށް އެއްވެތިބި ގިނަ އަދަދެއްގެ އާންމު މެންބަރުންނާއެކު މަގުމައްޗަށް ނުކުމެވަޑައިގެން ނޫސްވެރިންގެ ހައްގުގައި ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިވެއްޖެއެވެ.

މީކާއިލް މިރޭ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ވަގުތު އިސްރާފުކުރެވެން ނެތް ކަމަށެވެ. މީކާއިލް ވިދާޅުވީ ގައުމުގެ ހާލަތު އޮތްގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނައްތާލަމުންދާތީ، އެ ހައްގުތައް ހިމާޔަތްކުރުމަށް ސީދާ ހަރަކާތަށް ނުކުންނަން ޖެހިފައިވާ ކަމަށެވެ.

ސިޔާސީ ދާއިރާއަކީ "ހަޑި" ދާއިރާއެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، އުސޫލުތަކެއްގެ މައްޗަށް ބިނާކުރާ ޕްރިންސިޕަލްޑް ޕޮލިޓިކްސްއެއް ގެނެސްދެއްވާނެކަމަށް މީކާއިލް ވިދާޅުވިއެވެ.

އަދި 2028 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް، ވަކި ކޮޅަކަށް ނުޖެހޭ އިންސާފުވެރި ރިޔާސީ ޕްރައިމަރީއެއް ބާއްވައިދެއްވާނެ ކަމަށާއި، ޗެއާޕާސަންގެ މަގާމުގައި ހުންނަ ފަރާތަކީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ މީހެއްގޮތަށް އިސްލާހު ހުށަހަޅުއްވާނެކަމަށް މީކާއިލް ވިދާޅުވިއެވެ.

ޕާޓީއަށް ލިބޭ ފައިސާ ހަރަދުކުރާގޮތް ކޮންމެ މަހަކު އާންމުކުރުމާއެކު، ޕާޓީގެ ދާއިމީ މައި މަރުކަޒެއް މާލޭގައި ގާއިމުކުރާނެކަމަށް މީކާއިލް ވިދާޅުވިއެވެ. ޕާޓީގެ ހަރަކާތްތައް މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ގައުމީ މަޖިލީހުން ކަނޑައަޅާ ފޯމިއުލާއަކުން ރަށްރަށަށް ފައިސާ ފޯރުކޮށްދޭނެކަމަށް މީކާއިލް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގައި ހުރި ފެކްޝަންތަކާއި ހިޔާލުތަފާތުވުންތައް އެއްގަލަކަށް އަރުވައި، ޕާޓީ އެއްބައިވަންތަ ކުރާނެ "ޔުނިޓީ ކެންޑިޑޭޓަކީ" އޭނާކަމަށް މީކާއިލް ވިދާޅުވިއެވެ.