އެންމެ ނިކަަމެތި މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތްތައް ކަނޑައަޅާފައި ވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމު ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި ޝަކުވާތައް އަޑުއެއްސެވުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހި ކަމަކީ އަސާސީ ހައްގަކަށްވާއިރު، އެފަދަ ކަންކަން ސިޔާސީ ކަންކަމާ ގުޅުވައިގެން ވަކި ބަޔަކަށް އިސްކަންދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފިރިޔަކު ހުރި އަންހެނަކު އައިސް، އާއިލާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތި ހާލަތު އެމަނިކުފާނާ ހިއްސާ ކުރުމާ ގުޅިގެންނެވެ.
ރައީސް ވިދާޅުވީ، ފްލެޓާއި ބޯހިޔާވަހިކަން ދިނުމުގައި އަމަލުކުރާނީ ކަނޑައެޅިފައިވާ ދެފުށް ފެންނަ އުސޫލުތަކެއްގެ ދަށުން ކަމަށެވެ. ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވުމަކީ ބޯހިޔާވަހިކަން ލިބުމަށް އޮތް ޝަރުތެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށް އިސްކަންދެވޭނެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަން ފަހިވެގެންދާނެ ކަމަށެވެ.
"ޕާޓީއަށް ވަނުން، ނުވަނުން އެފަދަ އެހެންކަމެއްވެސް، އެގޮތަށް ނުވިސްނަވާތި. މިހާރުވެސް ކަނޑައެޅިފައިވާ އުސޫލުތައް ހުންނާނެ. އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަަށް، އެންމެ ރަނގަޅު ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދޭނެ ގޮތްތައް ކަނޑައެޅިފައި އެބަހުރި." ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ގިނަ ރައްޔިތުންތަކެއް ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ޝަކުވާތައް ރައީސާ ހިއްސާކޮށްފައެވެ.
މީގެއިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދޭ ޓީޗަރުންނަށް ހަމަޖެހިފައިވާ ރިސްކު އެލަވަންސް ނުލިބޭ މައްސަލަވެސް މުދައްރިސަކު ވަނީ އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްފައެވެ.
ރައީސް ވަނީ ރައްޔިތުން ފާޅުކުރި ހުރިހާ ކަންބޮޑުވުންތަކާއި ހުށަހެޅުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ބައްލަވައި، އެކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް