ވޯލްޑް ކަޕް 2026 އަށް ނަގައި ސްކޮޑަށް ނޭމާއާ ދޭތެރޭ ގޮތެއް ނިންމުމަކީ އުނދަގޫ އަދި ޕްރެޝަރު ބޮޑު ނިންމުމަކަށް ވާނެ ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ހޯދާފައިވާ ބްރެޒިލުން މިފަހަރު ވޯލްޑް ކަޕަށް ނުކުންނާނީ ފަހުގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު، އެންމެ ތަޖުރިބާކާރު އެއް ކޯޗު އެންޗެލޮޓީއާއެކުގައެވެ. އޭނާއަށް ފުރަތަމަ ހަވާލުވެފައިވާ ޒިންމާއަކީ ތަރިންގެ ތެރެއިން ވޯލްޑް ކަޕަށް ސްކޮޑު ނެގުމެވެ. އެ މަސައްކަތުގައި އެންމެ ބޮޑު ނިންމުމެއް ނިންމަން ޖެހިފައި އޮތީ، އެގައުމުގެ ރެކޯޑު ގޯލް ޖެހުންތެރިޔާ ނޭމާއާ ގުޅޭ ގޮތުންނެވެ.

ނޭމާއާއި ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާވެސް ހިމަނައިގެން އެންޗެލޮޓީ ޕްރޮވިޝަނަލް ސްކޮޑު އިއުލާނު ކޮށްފައިވާ އިރު، އަންނަ ހަފުތާ ތެރޭގައި ބްރެޒިލްގެ ފައިނަލް ސްކޮޑު އިއުލާނުކުރާނެއެވެ.

ރޮއިޓާސްއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި އެންޗެލޮޓީ ބުނީ ނޭމާއަކީ މުހިއްމު ކުޅުންތެރިއެއް ނަމަވެސް، ސްކޮޑުގައި ހިމެނުމަށް ގިނަ ކަންތައްތަކަކަށް ބަލަން ޖެހޭ ކަމަށެވެ.

"ކުޅުންތެރިޔަކު ސްކޮޑުގައި ހިމެނުމަށް ނިންމަން ޖެހޭ ނިންމުމަކީ އެކަމުން ވާނެ ފައިދާއާއި ގޯހަށް ބަލައިގެން ނިންމަން ޖެހޭ ނިންމުމެއް. ނޭމާ ގައުމީ ޓީމަށް ދައްކާފައި ކުޅުމާއި، ހުނަރަށް ބަލާއިރު އެއީ އެންމެ މުހިއްމު ކުޅުންތެރިޔާކަން އެނގޭ. އެހެން ނަމަވެސް ނޭމާއަށް މިދިޔައީ އުނދަގޫ ދުވަސްތަކެއް. އަނިޔާވެސް ބޮޑު ދުވަސްތަކެއް. އެކަމުން އަރައިގަންނަން ނޭމާ ބުރަކޮށް އެބަ މަސައްކަތްވެސް ކުރޭ. އަދި މިހާރު ކުރިއަށްވުރެ މާބޮޑުތަން ރަނގަޅު. ކުޅުމުގެ ފޯމުވެސް ރަނގަޅު،" ކުރިން ރެއާލް މެޑްރިޑާއި އޭސީ މިލާނާއި ބަޔާން މިއުނިކް ފަދަ ކްލަބުތަކާއެކު ކާމިޔާބު ހޯދާފައިވާ އެންޗެލޮޓީ ބުންޏެވެ.

ނޭމާ ގައުމީ ސްކޮޑަށް ނެގުމަށް ބައެއް ކުޅުންތެރިންވެސް އެދިފައިވާ އިރު، އެންޗެލޮޓީ ބުނީ އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. ހާއްސަކޮށް ނޭމާއަކީ ޓީމުގެ ރޫހާއި މުޅި ބްރެޒިލްގެ ރޫހަށްވެސް މުހިއްމު ކުޅުންތެރިޔަކަށްވާ އިރު، ޓީމު ތެރޭގެ މޯޓިވޭޝަން ރަނގަޅު ކުރުމަށްވެސް ނޭމާ މުހިއްމު ކަމަށް އޭނާވެސް ދެކޭ ކަމަށެވެ.

އެންޗެލޮޓީ ބުނީ ނޭމާއަކީ އެގައުމުގެ އިތުރުން މުޅި ފުޓުބޯޅަ ދުނިޔެވެސް އިންތިހާއަށް ލޯބިކުރާ ކުޅުންތެެރިއެއްކަން އެނގޭ ނަމަވެސް، ނިންމުން ނިންމާނީ އެންމެ ކަމަކަށް ބަލައިގެން ކަމަށެވެ.

"އަހަންނަށް އެނގޭ މި ޓީމުގެ ރޫހު އޮތް ގޮތް. ޓީމު އޮތީ ރަނގަޅަށް. އަދި ނޭމާ ނެގުމުން ރޫހު ރަނގަޅުވާނެކަންވެސް އެނގޭ. ދެން އޮތީ ބޭރުން ދައްކާނެ ވާހަކަ. މީޑިއާއާއި އެތައް ރައްޔިތުންނެއްގެ ވާހަކަ. އެއީ ޕްރެޝަރަކަށްވާނެ. އެހެންވެ ނޭމާއާ ދޭތެރޭ ގޮތް ނިންމުން އެއީ އުނދަގޫ އަދި ޕްރެޝަރު ބޮޑުވާނެ ކަމެއް. އެހެންވިޔަސް އަހަރެން ޕްރޮފެޝަނަލީ ބަލާނީ ހަމައެކަނި ކުޅުމަށް. ޕާފޯމަންސަށް،" ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގު، ކޯޗެއްގެ ގޮތުގައި ކާމިޔާބުކުރި އެންޗެލޮޓީ ބުންޏެވެ.