ރެއާލް މެޑްރިޑުން އާކޯޗަކަށް ޖޯސޭ މޮރީނިއޯ ގެންދަން ކުރަމުންދާ މަޝްވަރާތަކުގެ އެންމެ ފަހު މަރުހަލާއަށް ގޮސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

މީގެ ކުރިންވެސް ރެއާލަށް ކޯޗުކަން ކޮށްދީފައިވާ މޮރީނިއޯއަކީ އެ ކްލަބުން މިވަގުތު މަޝްވަރާތައް ކުރަމުންދާ ހަމައެކަނި ކޯޗެވެ. މޮރީނިއޯ މިފަހަރު ތައްޔާރުވަމުން ދަނީ 13 އަހަރު ފަހުން އެ ކްލަބާ އަލުން ހަވާލުވާށެވެ.

ހަބަރުތައް ބުނެފައި ވަނީ މޮރީނިއޯ އަލުން އެކްލަބަށް ގެންދަން މީގެ ކުރިންވެސް ރައީސް ފްލޮރެންޓީނޯ ޕެރޭޒް މަޝްވަރާ ކުރި ކަމަށެވެ. އެއީ ސީޒަނުގެ މެދުތެރެއިން ޒަބީ އެލޯންސޯ ދިޔަ ހިސާބުންނެވެ. އެލޯންސޯ ސީޒަން ތެރެއިން ކޯޗުކަން ދޫކޮށްލީ ޖެނުއަރީ މަސް ތެރޭގައެވެ. އެފަހަރު ރެއާލުން ވަގުތީ ގޮތުން ކްލަބުގެ ކޯޗުކަން ހަވާލުކުރީ އަލްވާރޯ އާބެލޯއާއެވެ.

މޮރީނިއޯ މިވަގުތު ހުރީ އޭނާގެ އުފަން ގައުމު ކަމަށްވާ ޕޯޗުގަލް ލީގުގެ ބެންފިކާގެ ކޯޗުކަމުގައެވެ. އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހެދި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މޮރީނިއޯ އިއްޔެ ބުނީ ކުރިމަގާމެދު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

ބެންފިކާއިން ސީޒަނުގައި ކުޅޭ އެންމެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ އެސްޓޮރިލްއާ ދެކޮޅަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މޮރީނިއޯގެ އެއްބަސްވުމުގައި ވާގޮތުން ސީޒަން ނިމިގެން ފުރަތަމަ 10 ދުވަސް ތެރޭގައި އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާނަމަ، ބަދަލުގައި ބެންފިކާއަށް ތިން މިލިއަން ޔޫރޯއަށް އެއްބަސްވުން ބާތިލުކުރެވެއެވެ. އެހެންކަމުން ރެއާލުން މިހާރު މަޑުކުރަމުން ދަނީ އެ މާއްދާގެ ބޭނުން ހިފަން ކަމަށް ނޫސްތައް ބުނެއެވެ.

ފަހު ތާރީހެއްގައި ފެނުނު އެންމެ ކާމިޔާބު އެއް ކޯޗު މޮރީނިއޯ ވަނީ މީގެ ކުރިން 2010 އިން 2013 އަށް ރެއާލަށް ކޯޗުކަން ކޮށްދީފައެވެ. އެފަހަރު ލީގު ތަށްޓެއްގެ އިތުރުން ސުޕަ ކަޕާއި ކޮޕާ ޑެލް ރޭ ކާމިޔާބުކުރިއެވެ.