ދެހާސް ބާވީސްވަނަ އަހަރުގެ އަހަރުގެ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ފުވައްމުލަކު ސިޓީ، ޝިއާއު މުހައްމަދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށީން ހައްޔަރުކޮށްފައިވާ، ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލް، ކޯޓަށް ހާޒިރު ނުކުރެވުމުގެ ސަބަބުން، މައްސަލައިގެ ނިމުމަކާ ގާތްވެފައިވަނިކޮށް އަނެއްކާވެސް ހުލާސާ ބަޔާން އިއްވުން ފަސްކޮށްފިއެވެ.

ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ހުލާސާ ބަޔާން އިއްވުމަށް އިއްޔެ ކުރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް، އޭނާ ކޯޓަށް ހާޒިރުކޮށްދެވިފައި ނުވާތީ އެ އަޑުއެހުން ވަނީ ކުރިއަށް ނުގެންދެވިފައެވެ. ނަމަވެސް، އޭނާ ހާޒިރު ނުކުރެވުނީ ކޮން ސަބަބަކާ ހުރެގެން ދައުލަތުން ހާމައެއް ނުކުރެއެވެ.

ޝާހިލް ހައްޔަރުކުރި ފަހުން، އޭނާގެ މައްޗަށް ކުރި ބައެއް ދައުވާތައް ސާބިތުވެ، މިހާރުވެސް އަންނަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން ޝިއާއު މަރުވިކަން ޕޯސްޓްމޯޓަމް ރިޕޯޓުން ކަށަވަރުވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތަށް ގާތްގަނޑަކަށް ތިން އަހަރު ވެފައިވާއިރު، މި މަހުގެ ތެރޭގައި މައްސަލަ ނިންމައި ހުކުމް އިއްވުމަށް ކޯޓުން ވަނީ އަމާޒު ހިފާފައެވެ.

އިސްކަންދަރު ކޮށީގައި 2024 އޮގަސްޓް 7 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ މޭޖާ ކުރައިމް އިންވެސްޓިގޭޝަން ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައިވަނީ ޝާހިލްއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ނޫން ކަމަށެވެ. ނަމަވެސް ޝިއާއުގެ މަރާ ގުޅިގެން ޝާހިލް ހައްޔަރުކޮށް ޓެސްޓު ކުރިއިރު, އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޝިފާއު ވިދާޅުވެފައިވެއެވެ.

ޝިފާއު ވިދާޅުވެފައިވަނީ ހަމަލާ ދޭން ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ކުށުގެ ވެށީން ހޯދާފައިވާ ކަމަށެވެ. އެއީ ކޮންކަހަލަ ހަތިޔާރުތަކެއް ކަމެއް ޝިފާއު ވިދާޅުވެފައިނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެތަނުން މަސްކަނޑާ ވަޅިއެއް ވަނީ ފެނިފައެވެ.