އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ އައިޓީ ދާއިރާގައި މަސައްކަތްކުރާ ދެމަފިރިއަކު، ސްރީލަންކާއިން އިންޑިއާއަށް 29 ކިލޯމީޓަރުގެ ރާސްތާއެއް ފަތާފައި ކަޑަތުކޮށް ތާރީހުން ޖާގަ ހޯދައިފިއެވެ.
ޑެނިޝް އަބްދީ އަދި ވްރުޝާލީ ޕްރަސާދޭ މި ކާމިޔާބީ ހޯދީ ސްރީލަންކާގެ ތަލައިމަންނާރުން ފެށިގެން އިންޑިއާގެ ދަނުޝްކޯޑީއާ ދެމެދު އޮންނަ ޕޯކް ސްޓްރެއިޓް 10 ގަޑިއިރާއި 45 މިނެޓުން ފަތާފައެވެ. ތާރީހީ ރާމް ސެތު މަގުން ކުރި މި ދަތުރު ފަތިހު 4:30 ގައި ފެށިއިރު، ގަދަ އޮއިވަރާއި ވައިގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލުމަށްފަހު، އެ މީހުންނަށް އިންޑިއާގެ އައްސޭރިއަށް ފޯރާފައިވަނީ މެންދުރުފަހު 3:15 ގައެވެ. މިއީ މި ރާސްތާ ފަތާފައި ކަޑަތުކުރި ފުރަތަމަ ދެމަފިރިންނެވެ.
މި ދަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ޕެރަމެޑިކުންނާއި ކޯސްޓްގާޑުގެ އުޅަނދުތައް އެ މީހުންނާއެކު ހަރަކާތްތެރިވިއެވެ. ކަނޑުމަތީގެ މި އުނދަގޫ ދަތުރަށް ތައްޔާރުވުމުގެ ގޮތުން މި ދެމަފިރިން ވަނީ ވިދިވިދިގެން ހަތަރު އަހަރު ދުވަހު ވަރަށް ބުރަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. މީގެ ކުރިން ރިލޭ ފެތުމުގެ މުބާރާތްތަކުގައި ބައިވެރިވެފައިވީ ނަމަވެސް، މިއީ އެ މީހުން އެކުގައި ކުރި މިފަދަ ފުރަތަމަ ދިގު ދަތުރެވެ. ކަނޑުގެ އޮއިވަރާއި ރާޅުތަކުގެ ސަބަބުން މި ސަރަޙައްދަކީ ފަތަން ވަރަށް ނުރައްކާތެރި އަދި އުނދަގޫ ސަރަޙައްދެއްކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ދަތުރު ނިންމާލުމަށްފަހު ސޯޝަލް މީޑިއާގައި ޝުޢޫރުފާޅުކުރަމުން އެ ދެމަފިރިން ބުނީ، “އަހަރެމެންނަށް މިކަން ކާމިޔާބުކުރެވިއްޖެ. ސްރީލަންކާއިން އިންޑިއާއަށް. 10 ގަޑިއިރާއި 45 މިނެޓު. މިއީ ކަނޑުމަތީގައި ހޭދަކުރި ވަރަށް އުނދަގޫ ދުވަހެއް،” ކަމަށެވެ. އަދި 12 ގަޑިއިރުގެ ދިގު ނިންޖަކަށްފަހު އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ދަތުރު ފުރިހަމަކުރުމުގެ ހިތްވަރު ލިބުނީ ދެމީހުން އެކަކު އަނެކަކަށް ދިން އެއްބާރުލުމުގެ ސަބަބުން ކަމަށް ޑެނިޝް ފާހަގަކުރިއެވެ.
މަނިޕާލް ހޮސްޕިޓަލްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުން އަންނަނީ މި ދެމަފިރިންގެ ހިތްވަރާއި ޢަޒުމަށް ތަޢުރީފުކޮށް، މިއީ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ސިފަކުރަމުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ 7 އަހަރުގެ ކުއްޖަކުވެސް ވަނީ 9 ގަޑިއިރާއި 50 މިނެޓުން މި ރާސްތާ ފަތާފައި ކަޑަތުކޮށްފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ