ބޮލީވުޑްގެ އެކްޓަރު ޓައިގަރ ޝްރޮފްގެ ނަމުގައި ދޮގު ވާހަކަތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯތައް ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އޭނާގެ ޓީމުން ބަޔާނެއް ނެރެ އިންޒާރުދީފިއެވެ. މުމްބާއީގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަށް ފަހު ޓީމް ޓައިގަރއިން ނެރުނު ފުރަތަމަ ރަސްމީ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާގެ އެކި ޕޭޖުތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެކްޓަރާ ގުޅުވައިގެން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކާއި އޭއައި ވީޑިއޯތައް ފަތުރަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ހިނގި މި ހާދިސާއާ ގުޅޭގޮތުން ޓައިގަރ ޝްރޮފް އާންމުކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށް އޭނާގެ ޓީމުން ބުނި ކަމަށް ސޯޝަލް ނިއުސް އެކްސްވައިޒެޑުން ރިޕޯޓުކޮށްފައިވެއެވެ.

ރަސްމީ ބަޔާނުގައި ލިޔެފައިވަނީ، އެ ހާދިސާއާ ގުޅޭގޮތުން ނުވަތަ އެއާ ގުޅުންހުރި އެއްވެސް ކަމަކާ ބެހޭގޮތުން ޓައިގަރ އެއްވެސް ބަޔާނެއް ދީފައި ނުވާނެ ކަމަށާއި، ވީޑިއޯއެއް އާންމުކޮށްފައި ނުވާނެ ކަމަށެވެ. އެފަދަ އެއްވެސް މުއާމަލާތެއް ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. ނަމަވެސް، އޮޅުވާލުމުގެ މައްޗަށް އެކުލެވޭ މިފަދަ ތަކެތި ފަތުރާ ފަރާތްތަކާ ދެކޮޅަށް އަޅާނެ ވަކި ހާއްސަ ގާނޫނީ ފިޔަވަޅުތަކެއް، ކޯޓަށް މައްސަލަ ހުށަހެޅުމެއް ނުވަތަ ފުލުހުންގެ ރިޕޯޓެއްގެ ތަފްސީލެއް އެ ބަޔާނުން ކަށަވަރުވާކަށް ނެތެވެ.

މީގެ އިތުރުން، ޓައިގަރ ޝްރޮފްއާ ގުޅުވައިގެން ހަދާފައިވާ ދޮގު ވާހަކަތަކާއި އޭއައި އުފެއްދުންތައް ފެތުރުން ވަގުތުން ހުއްޓާލުމަށް ޓީމް ޓައިގަރއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ހުއްދަ ނެތި އާންމުކުރާ އެއްވެސް ބަޔާނެއް ނުވަތަ ވީޑިއޯއަކީ ރަސްމީ އެއްޗެއްގެ ގޮތުގައި ނުބެލުމަށާއި، ޓައިގަރ އަދި އޭނާގެ ރަސްމީ ޓީމުން އާންމުކުރާ ކަށަވަރު މައުލޫމާތަށް އެކަނި ބަރޯސާވުމަށް އެ ޓީމުން އެދިފައިވެއެވެ. ހަމައެއާއެކު، ހަބަރުތަކާއި މައުލޫމާތު ޝާއިއުކުރުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ މީޑިއާތަކަށާއި ސޯޝަލް މީޑިއާ ޕޭޖުތަކަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.