"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އިސް ދެ ނޫސްވެރިން ކަމަށްވާ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ދައުވާ ކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ދެ މީހުންގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް މިއަދު ހުށަހެޅުމާއެކު، އެ ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމައިފައެވެ. މި މައްސަލައިގެ ޝަރީއަތް ހިނގަމުންދާއިރު، ވަކި ގޮތްތަކަކަށް އަމަލުކުރުމަށް އަންގައި ގާޒީ މުޒައްމިލު ނާސިރު ވަނީ ހާއްސަ އަމުރެއް ނެރުއްވައިފައެވެ.
ކޯޓުގެ ކުރި އަމުރުތައް:
- "އަދަދު" ނޫހުން ތައްޔާރުކުރި އެ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ހުއްޓާލުން.
- ޑޮކިއުމެންޓްރީގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުން. މި މައްސަލައިގައި ހިމެނޭ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވި މީހާގެ ވާހަކަ އެ ޑޮކިއުމެންޓްރީއާ ގުޅުވައިގެން ނުދެއްކުން .ޝަރީއަތުގެ ލިޔެކިޔުންތަކާއި މައުލޫމާތުތައް އާންމު ނުކުރުން.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑު ފާފައެއް ކަމަށާއި، އެކަން ނަހީކުރައްވާފައިވަނީ އިންސާނާގެ އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމަށްޓަކައި ކަމަށެވެ. އަދި ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު އޮންނަންވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފިޔާޒާއި، ހަސަން ފުލުހަށް ހާޒިރުކުރުމުން، ނޫސްވެރިންގެ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ބޭނުންކޮށް، އެ ދެ މީހުންވެސް ހަނެވެ. އަދި ތަހުގީގަށް ބޭނުންވާ ޑިޖިޓަލް ޑިވައިސްތަކުގެ ޕާސްކޯޑު ދިނުމަށް ކޯޓުން ކުރި އަމުރަށްވެސް ފިޔާޒު ވަނީ ދެކޮޅު ހަދައިފައެވެ.
މި މައްސަލައާ ގުޅިގެން ފިޔާޒާއި، ހަސަންގެ ޕާސްޕޯޓު މިހާރު ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް