ސްޕެއިންގެ ރެއާލް މެޑްރިޑްގެ ބްރެޒިލް ވިންގް، ވިނީޝިއަސް ޖޫނިއާއާ ދިމާކުރި ޖިއާންލޫކާ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑް ކުރުމަށް ޔޫއެފާއިން ނިންމާފައިވާ ނިންމުން ފީފާއިން ހަރުކަށި ކޮށްފިއެވެ.

ޕްރެސްޓިއާނީ ވިނީޝިއަސްއާ ދިމާކޮށްފައި ވަނީ ބެންފިކާއާއި ރެއާލުން ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16 ގެ ޕްލޭ އޮފް ފުރަތަމަ ލެގުގައެވެ. އެމެޗުގައި ވިނީޝިއަސް ގޯލް ޖެހުމަށްފަހު ބެންފިކާ ނިޝާން ޖަހާފައިވާ ކޯނަރު ދަނޑީގައި ކައިރިއަށް ގޮސް އުފާފާޅުކުރި ގޮތުން ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިން ހިތްހަމަ ނުޖެހުނު އިރު، ޕްރެސްޓިއާނީ މޫނު މަތީގައި ޖާޒީ އެޅުމަށްފަހު ވިނީޝިއަސްއަށް ބަހުގެ ހަމަލާއެއް ދިނެވެ.

އެ ބަހުގެ ހަމަލާގައި ވިނީޝިއަސްއާ ދިމާކުރުމަށް ޕްރެސްޓިއާނީ ދެއްކި ވާހަކައިގެ ސަބަބުން ޔޫއެފާއިން އޭނާއަށް އަދަބު ދިނީ ހަ މެޗަށް ސަސްޕެންޑް ކުރާށެވެ. އެއީ ފުރަތަމަ އެއް މެޗަށް ސަސްޕެންޑް ކުރި ކުރުމާއެކު ޕްރެސްޓިއާނީ ނުކުޅެ ހުރި އެއް މެޗާ އެކުގައެވެ.

ޔޫއެފާއިން ޕްރެސްޓިއާނީ ސަސްޕެންޑް ކުރީ ހަމައެކަނި ޔޫއެފާ މުބާރާތްތަކަށް ނަމަވެސް، ފީފާއިން ވަނީ އެ އަދަބު މުޅި ފުޓުބޯޅަ ހިމެނޭހެން ފުޅާކޮށްފައެވެ. ފީފާއިން ބުނީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 70 ވަނަ މާއްދާއަށް ބަލައި، ޕްރެސްޓިއާނީގެ ސަސްޕެންޝަން މުޅި ފުޓުބޯޅައަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ޔޫއެފާއިން އެދުނު ގޮތް ކަމަށްވެސް ފީފާއިން ބުންޏެވެ.

އާޖެންޓީނާއަށް ނިސްބަތްވާ ޕްރެސްޓިއާނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެއީ ނޮވެމްބަރު މަހު އެންގޯލާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެހެންނަމަވެސް ވޯލްޑް ކަޕް ސްކޮޑުގައި ޕްރެސްޓިއާނީ ހިމަނަން ނިންމާފައިވާ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ. އެހެން ކަމަށްވާނަމަ، މިހާރު އޮތް ގޮތުން ގްރޫޕް ސްޓޭޖުގެ ދެމެޗު އޭނާއަށް ގެއްލޭނެއެވެ.

އަންނަ މަހު އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނެނީ ގްރޫޕް ޖޭގައެވެ. އެއީ އަލްޖީރިއާގެ އިތުރުން އޮސްޓްރިއާ އަދި ޖޯޑަންއާ އެކުގައެވެ.