ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަން މަސައްކަތް ކުރާ ފުޓްސަލް މުބާރާތް، އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްވެސް ރީޖަނަލް ފޯމެޓަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިއުލާނު ކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްއޭއެމްއިން ފުރަތަމަ ފަހަރަށް ރާއްޖޭގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް ފަށަން ތައްޔާރުވެފައިވާ ކަމަށާއި، އަންނަ ހަފުތާ ތެރޭގައި ބައިވެރިވާން ހުޅުވާލާނެ ކަމަށެވެ.

އެފްއޭއެމްއިން މީގެ ކުރިންވެސް ފާހަގަކޮށްފައި ވަނީ ފުޓްސަލް މުބާރާތްވެސް ބާއްވަން ގަސްދުކުރަނީ މިހާރު ރާއްޖޭގެ ފުޓުބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް ކަމަށެވެ. އެގޮތުން ފުޓްސަލް މުބާރާތްވެސް ކުރިއަށްދާނީ ހަތަރު ރީޖަނަކަށް ރާއްޖެ ބަހާލައިގެން ކަމަށް ތޯރިގު ވަނީ އިއުލާނު ކުރައްވައިފައެވެ.

މި ސީޒަނުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅަ އޮނިގަނޑަށްވެސް ބަދަލު ގެނެސް، ލީގު ފޯމެޓް އެއްކޮށް ވަނީ ބަދަލު ކޮށްފައެވެ. އަތޮޅު ތެރޭގެ ފުޓުބޯޅައަށް ސަމާލުކަން ބޮޑުކޮށް، އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތަކުގެ އިތުރުން ރީޖަނަލް މުބާރާތްތައްވެސް ކުރިއަށްދާ އިރު، އަތޮޅު ތެރޭގެ ޓީމުތައް އަންނަ ސީޒަނުގެ ލީގަށް އަންނަން ވަނީ މަގުފަހިވެފައެވެ.

ފުޓުބޯޅައިގައި ރީޖަންތައް ބަހާލެވިފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނޭނީ ހއ، ހދ، ރ، ނ، ށ، ބ ގެ އިތުރުން ޅ އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅުގެ ޓީމުތައް ހިމެނޭ އިރު، ސައުތު ރީޖަންގައި ހިމެނޭނީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ޓީމުތަކެވެ.

ތޯރިގު ވިދާޅުވީ، އެފްއޭއެމް އިން އިއުލާނުކުރާ މި ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ކޮންމެ ކުޅުންތެރިއަކަށް ގައުމީ ލެވަލްގައި ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ތޯރިގު ފާހަގަކުރެއްވީ އެފްއޭއެމްގެ މުބާރާތުން ޒުވާން ކުޅުންތެރިންތަކަކަށް ގައުމީ ޓީމާ ހަމައަށް އައިސް، ރާއްޖެއަށް ކާމިޔާބު ހޯދައިދޭން ލިބޭ ފުރުސަތަތައް ހޯދައި ދެވޭނެ ކަމަށެވެ.

އެފްއޭއެމްއިން ވަނީ 2017 އާއި 2019 ވަނަ އަހަރު ފުޓްސަލް މުބާރާތްތަކެއް ބާއްވައިފައެވެ. އެހެން ނަމަވެސް އޭރު ބާއްވާފައި ވަނީ މުޅިން ތަފާތު ފޯމެޓަކަށް ކަމަށެވެ.