ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ ޕްރިމަރީގައި ބަލިވި، އަހުމަދު ސައީދު (ސޮޑާ) ކަމަށް އެ ޕާޓީން ނިންމައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީއެންސީ ޕްރައިމަރީ، ސައީދާ ވާދަކޮށް ކާމިޔާބުކުރެއްވީ، އެ ދާއިރާގެ ކުރީގެ މެންބަރު ސިނާނެވެ. ނަމަވެސް ސިނާން މިއަދު ވަނީ، ޕްރައިމަރީގައި ވާދަނުކުރަން ނިންމައި ޕީއެންސީން ކަނޑައަޅާ ކެންޑިޑޭޓެއްގެ ފަހަތުގައި މަސައްކަތްކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެ ޕާޓީގެ ލީޑަޝިޕުން ސައީދަށް ޓިކެޓު ދޭން ނިންމީ، އިތުރު ޕްރައިމަރީއެއް ބާއްވާނެހާ ދުވަސް ބައި އިލެކްޝަނާ ދެމެދު ނެތުމުން ކަމަށެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ޕީއެންސީގެ ސަޕޯޓަރުންވެސް އެދެނީ ސައީދަށް ފުރުސަތު ދިނުމަށް ކަމަށާއި އެއީ ޕާޓީއަށް މިވަގުތު އެ ގޮނޑި ކާމިޔާބުކުރުމަށްޓަކައި އެންމެ ފައިދާހުރި ގޮތް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ސިނާންގެ ގޮނޑި ގެއްލުނީ، ސްޕްރީމް ކޯޓުން އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވުމުންނެވެ.