ވެރިކަން ކުރުމަކީ އުފަލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ ބޮޑު އަމާނާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓު އެރުވުމަށް އެ ޕާޓީން ނިންމުމާ ގުޅިގެން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކެމްޕޭނުގެ ތެރޭގައި ވެސް ވެރިކަމަކީ އަމާނާތެއް ކަމަށާއި އެއީ ވަރަށް ވަރުގަދަ މަސްއޫލިއްޔަތެއް އަދި ޒިންމާއެއްކަން ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އެގޮތަށް ކަމަށާއި، އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި ވައުދުތައް ފުއްދުމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ތާއީދުކުރާ މީހުން ތިބީ ހަމައެކަނި ޕާޓީގެ މެންބަރުންގެ ގޮތުގައި ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޕާޓީގެ އެތެރެއިންނާއި ބޭރުން ވެސް ސަރުކާރަށް ވަރަށް ރަނގަޅަށް އެއްބާރުލުން ލިބެމުންދެއެވެ. އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސިޔާސީ ޕާޓީއަކަށް ވަނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި، އެއީ ރަނގަޅު ވިސްނުމެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ގިނަ ރައްޔިތުން އެންމެ ފުރަތަމަ އިސްކުރަނީ ގައުމުގެ ފިކުރު ކަމަށް ރައީސް ވިދާޅުވިއެވެ. ދިގު ރާސްތާގެ ވިސްނުމެއްގައި ގައުމަށް ހަމަޖެހުން އޮވެގެން ކުރިއެރުން ލިބުމަށާއި، ރައްޔިތުންނަށް ފައިދާވާ ކަންކަން ވާން ބޭނުންވާ މީހުން ގިނަ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ދަނީ އެގޮތުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.