ނިމިދިޔަ ކޮންގްރެސްއާއެކު 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ބޭނުންވާ ކެމްޕެއިން ޓީމު ވަރަށް ފުރިހަމައަށް އެކުލަވާލެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ މެންބަރުންނަށް ޝުކުރު އަދާކުރުމަށް މިރޭ އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ މަސައްކަތްތެރިންނާއި ސަޕޯޓަރުން ދެ މަސްދުވަހު ކުރި ބުރަ މަސައްކަތުން ބޭއްވުނު ކޮންގްރެސް އަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ތާރީހުގައިވެސް ބޭއްވުނު އެންމެ އިންތިޒާމު ފުރިހަމަ، އެންމެ ކާމިޔާބު ބޮޑު ކޮންގްރެސް ކަމަށެވެ.

އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ޕީއެންސީ އޮތްއިރު، އެ ޕާޓީގެ ހަރަކާތަށް ދާދިވަރެއް ދެއްކޭނެ އެހެން ޕާޓީއެއް ރާއްޖޭގައި ނެތްކަމަށްވެސް ވިދާޅުވިއެވެ.

ކޮންގްރެސްގެ ތެރެއިން ފެނިގެންދިޔަ ބަދަހިކަމާއި ޖޯޝުގައި މަސައްކަތްކޮށްފި ނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މަތީ މަޖިލިސް ނިމިގެން ދިޔައިރު މިއޮތީ އަޅުގަނޑުމެންގެ 2028 ގެ ކެމްޕެއިން ޓީމް ވަރަށް ރަނގަޅަށް ތަރުތީބުކުރެވިފައި. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ކާމިޔާބު، އެންމެ ފުރިހަމަ، އެންމެ އިންތިޒާމުތައް ރަނގަޅު އެންމެ ބޮޑު ކޮންގްރެެސް ނުވަތަ މަތީ މަޖިލިސް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ގައުމަށް މިވަގުތު ބޭނުންވަނީ ގައުމީ އަދި ބިނާކުރަނިވި ފިކުރެއްގެ ވެރިކަމެއް ކަމަށާއި، އެ ފިކުރު މިއަދު އޮތީ ރައީސް މުއިއްޒާއެކުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންކަމުން އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ނުކޮށް، ކޮންގްރެސްގެ ރޫހުގައި 2028 ވަނަ އަހަރުގެ އިންތިހާބުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވިއެވެ.

ޕީއެންސީގެ ކޮންގްރެސްގައި ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު ކަމުގައި ކަނޑައަޅައި، އެ މަނިކުފާނަށް ރިޔާސީ ޓިކެޓް އަރުވާފައެވެ.

އެ ނިންމުން ނިންމީ އެކަމަށްޓަކައި ހުށަހެޅުނު ހާއްސަ ގަރާރަށް ވޯޓު ދެއްވި 1،119 މެންބަރުންގެ އިއްތިފާގުންނެވެ.