އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގަމުންދާކަމަށް ބުނެ، ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގުމަށް އެމްޑީޕީއާއި ޕީއެންއެފަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އަންގައިފިއެވެ.

އީސީން މިރޭ ބުނީ ސަރުކާރާ ދެކޮޅަށް އެ ދެ ޕާޓީން ވަކިވަކިން ސިލްސިލާކޮށް ބާއްވަމުންދާ ހަރަކާތްތަކުގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކަމުންދާ ކަމުގެ ޝަކުވާތައް ލިބުންދާ ކަމަށެވެ.

އެހެންވެ އީސީން ވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެދި ދެ ޕާޓީއަށް އަންގައި ރަސްމީކޮށް ސިޓީ ފޮނުވާފައެވެ.

އީސީން ބުނީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ދެ ކަމަކަށް ޕާޓީތަކުން ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.

  • އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ އާއި ސާބިތު ނުހިފޭ ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުން.
  • ގާނޫނުން ހުއްދަކުރާ ދާއިރާގެ ބޭރުން، މަގުތަކާއި އާންމު މައިދާންތަކުގައި އެއްވުންތަކާއި ބައްދަލުވުންތައް ނުބޭއްވުން.

އީސީން ބުނީ، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުކިޔުމާއި، މުޖުތަމައުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ގާނޫނީ ހުދޫދުގެ ތެރެއިން ހިންގާ ހަރަކާތްތަކަށް ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެކަމަށް ބުންޏެވެ.

އިދިކޮޅު ޕާޓީތަކަށް މިފަދަ އެންގުމެއް އީސީން މި އެންގީ، ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މަޖިލީހުގައި މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ފަލާހު އިއްޔެ ވިދާޅުވީ، ސަރުކާރުން އެއްވެސް މީހަކަށް އަނިޔާވެރިނުވާ އިރު އަދި ސިޔާސީ މީހަކު ޖަލަށް ނުލާ އިރު، މަގުތަކަށް ނުކުމެ މުޒާހަރާ ކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ޒިންމާދާރު ވެރިފަރާތަކީ އިލެކްޝަންސް ކޮމިޝަން. އިލެކްޝަންސް ކޮމިޝަނުން މިއަދު ބަލަންޖެހޭ ސިޔާސީ ޕާޓީތަކުން މިހިންގާ ހަރަކާތްތަކަކީ ގާނޫނު ހުއްދަކުރާ ހަރަކާތްތަކެއްތޯ،" ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ވަނީ މި މުޒާހަރާތަކުގެ ސަބަބުން ކިޔަވާކުދިންނަށާއި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާތީ އެކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުގެ ފަރާތުން ބުނަމުންދަނީ މިހާރު ކުރަމުންދާ މަސައްކަތަކީ ގައުމުގެ ދަރަނިތައް ދައްކައި، ރައްޔިތުންގެ ހަމަޖެހުމަށް މަސައްކަތް ކުރުން ކަމަށެވެ.