ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އިީސީން ކުރިން އިއުލާނުކޮށްފައި އޮތީ މި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މި ހަފުތާގެ ބުދަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް، މިއަދު އީސީން ނިންމާފައިވަނީ އެ މުއްދަތު މި ހަފުތާގެ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އިތުރުކުރުމަށެވެ.
ފޯމު ހުށަހެޅުމުގެ އިންތިޒާމު އީމެއިލް މެދުވެރިކޮށް ހަމަޖެހިފައިވާއިރު، އީމެއިލްއިން ފޯމު ފޮނުވުމަށް ދަތިވާ ފަރާތްތަކަށް ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައިކަމަށް އީސީން ބުންޏެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ގަވައިދުން ދައްކަމުން ނުދާކަން ސާބިތުވުމާ ގުޅިގެންނެވެ. ސިނާނާއި އިތުރު ދެ މީހެއްގެ މައްޗަށް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ އޮތް މައްސަލައިގައި، ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ސިނާނުގެ ގޮނޑި ގެއްލިއްޖެކަމަށް ހުކުމްކޮށްފައެވެ.
ގާނޫނީ ގޮތުން މެންބަރެއްގެ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭތީ، އީސީން މިހާރު ވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައެވެ. އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.މ
މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ސިނާނެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) އެވެ. ސޯބެއަށް ޓިކެޓު ކަށަވަރުވީ އެ ޕާޓީގެ ޕްރައިމަރީއަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީއެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން