އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަވެފައިވަނިކޮށް، ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވާ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިންގައި އިބުރޭ ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މި އިންތިހާބުގައި ނަޝީދާ ވާދަކުރައްވާ މީކާއިލް، ޕާޓީގެ ޗެއާޕާސަން އަބްދުލް އަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އިބުރޭ ކެމްޕެއިންގައި އުޅުއްވާކަން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ސާފުވާ ކަމަށެވެ.

މީކާއިލްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޗެއާޕާސަންގެ ނައިބު (އިދާރީ) އަކީ ޕާޓީގެ ކެމްޕެއިންތަކާއި މެންބަރުން އިތުރުކުރުމުގެ މަސައްކަތް ބަލަހައްޓާ މައިގަނޑު މަސްއޫލިއްޔަތު އޮތް ފަރާތެވެ. އެހެންކަމުން، އެތެރޭގެ އިންތިހާބެއް ކުރިއަށްދާއިރު އެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަކިފަރާތަކަށް ޖެހުމަކީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލި، އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ނަހަމަ ފައިދާއެއް ވަކި ކެންޑިޑޭޓަކަށް ލިބޭނެ ކަމެކެވެ.

"އޭނާ މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދުކޮށް، އެ ކެންޑިޑޭޓްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކެންޑިޑޭޓަށް ފޯރުކޮށްދީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެކެވެ،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ، މިއީ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރާ އާންމު މެންބަރުންގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި، މިކަމުގެ ސަބަބުން އިންތިހާބުގެ އިންސާފުވެރިކަމާ މެދު ގިނަ މެންބަރުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އެހެންކަމުން، ކެމްޕެއިންގެ މުއްދަތަށް އިބުރޭ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމަށް މީކާއިލް ވަނީ ގޮވާލައްވާފައެވެ.

މި މައްސަލަ ބަލައި އަވަސް ފިޔަވަޅެއް އެޅުމަށް މީކާއިލް އެދިވަޑައިގެންފައިވާއިރު، އިބުރޭއަކީ މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރުމަށްފަހު، ޕާޓީގެ މަސްލަހަތަށްޓަކައި އަލުން މަގާމު އިޔާދަކުރި ބޭފުޅެކެވެ. މީކާއިލް ވިދާޅުވީ އޭނާ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީވެސް މިފަދަ ނުރަނގަޅު އުސޫލުތައް އިސްލާހުކުރުމަށް ކަމަށެވެ.