އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރި އިއުލާނާއި އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު އަންގައިފިއެވެ.

އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުން އެގޮތަށް ނިންމީ ޗެއާޕާސަންގެ އިންތިހާބަށް ހުޅުވާލީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެއެވެ.

އިސްތިއުނާފް މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު، ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އިންތިހާބުގެ ކަންކަން ރާވައި ހިންގުމުގެ ޒިންމާ އޮންނަނީ އިސްތިއުނާފު މަޖިލީހުގެ ރައީސަށް ކަމަށެވެ. އެހެންކަމުން އޭނާއަށް އެންގުމެއް ނެތި އިންތިހާބާ ގުޅޭ ކަންކަން ނުނިންމޭނެ ކަމަށެވެ.

ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކުރިން އިއުލާން ކުރައްވާފައެވެ.

ސިޓީގައި އަފީފު އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިވާ މި ދަނޑިވަޅުގައި، އެ މެމްބަރުންނަށް އަލުން ޕާޓީއާ ގުޅުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބު ބޭއްވުމަކީ ކެންޑިޑޭޓުންގެ ހައްގު ގެއްލޭކަމެއް ކަމަށެވެ.

އަދި ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އޮތް ވަގުތެއްގައި މަސްލަހަތު ގެއްލިދާނެ ނިންމުންތައް ނުނިންމުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ނަޝީދުގެ ވަކީލު އަބްދުﷲ ޝާއިރުވެސް ވަނީ އިންތިހާބުގެ އިއުލާން ބާތިލުކުރަން މިއަދު އިސްތިއުނާފް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އެމްޑީޕީން ކުރިން އާންމުކުރި މައުލޫމާތަށް ބަލާއިރު، އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ރޭގެ ނިޔަލަށް ބަންދުވިއިރު 4,868 މީހަކު އަލަށް ޕާޓީއާ ގުޅި، ޖުމްލަ މެމްބަރުންގެ އަދަދު ވަނީ 50,594 އަށް އަރާފައެވެ. ނަމަވެސް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ، މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިޔަނަމަ އެ އަދަދު 60,000 އަށް ޖެއްސޭނެ ކަމަށެވެ.