ސަރުކާރު މަޝްވަރާގެ މޭޒަށް އަންނާންދެން އިހުތިޖާޖު ކުރުމުގައި ދެމިތިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހުމަދު އެކަމަށް ފާޑުވިދާޅުވެ ރައްދު ދެއްވައިފިއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2024 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުން އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، އެ ޕާޓީ ދެމިއޮތީ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

"އެމްޑީޕީން ދިޔައީ އިހުތިޖާޖުތަކާއި، ވޯކްޝޮޕްތަކާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ބުރަ، ދެމެހެއްޓެނިވި މަސައްކަތްތަކެއް އަމަލީ މައިދާނުގައި ކުރަމުން،" ފަޒުނާ ވިދާޅުވިއެވެ.

ފަޒުނާ ވިދާޅުވީ ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ޕާޓީގެ މެންބަރުން ހުއްޓުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރޭ ބޭއްވި އެމްޑީޕީގެ އެއްވުމުގައި ރައީސް ނަޝީދު ވަނީ ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖު ކުރުމުގައި އެމްޑީޕީން ދެމި ތިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަަަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން ނަޝީދު އިއުލާން ކުރައްވާފައިވާއިރު، މީކާއިލް ނަސީމުވެސް ވަނީ އެ މަގާމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ. އެއާއެކު އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަނުގެ ވާދަވެރިކަން ވަނީ އިހުނަށްވުރެ އިތުރުވެފައެވެ.