ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކެޓުމާއެކު، ދެ ލެގުގައިވެސް ރެފްރީގެ ގޯސްތައް އިންތިހާއަށް ގިނަ ކަމަށް ބުނެ، ބްރެޒިލްގެ ރަފީނިއާ، ނުރުހުން ފާޅުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ބާސާ ކެޓީ، އެތުލެޓިކޯ މެޑްރިޑް ކައިރިން އެގްރިގޭޓް 3-2 ގެ ނަތީޖާއަކުންނެވެ. ބާސާއިން ރޭގެ ދެވަނަ ލެގު، ރަށުން ބޭރުގައި 2-1 އިން ކާމިޔާބު ކޮށްފައިވާ އިރު، ރޭގެ މެޗަށް ނުކުތްއިރު އެތުލެޓިކޯއިން އޮތީ ފުރަތަމަ ލެގު، 2-0 އިން ކާމިޔާބު ކޮށްފައެވެ. ދެލެގުގައިވެސް ބާސާއަށް ރަތް ކާޑަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ރޭގެ މެޗުގެ 79 ވަނަ މިނެޓުގައިވެސް އެރިކް ގާސިއާއަށްވެސް ރަތް ކާޑު ދައްކާފައިވެއެވެ.
އޭގެ ކުރީ މެޗުގައި ޕައު ކުބާސީއަށް ރަތެއް ދެއްކިތަން ފެނިފައިވާ އިރު، އެމެޗުގައި ހޭންޑް ބޯޅައަކަށް ޕެނަލްޓީ ނުދިން ކަމަށް ބުނެ ބާސާއިން ވަނީ ޔޫއެފާގައި މައްސަލަވެސް ޖައްސާފައެވެ. އެހެން ނަމަވެސް އެކަން ބަލައިގެންފައެއް ނުވެއެވެ.
ކުއާޓާ ފައިނަލްގެ ދެލެގުގައިވެސް ރަފީނިއާއަށް ކުޅެވިފައެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
ރޭގެ މެޗު ނިމުމާއެކު މީޑިއާއަށް ވާހަކަ ދައްކަމުން ރަފީނިއާ ބުނީ ފުރަތަމަ މެޗުގައި ރެފްރީކަން ކުރި އިސްތަވާން ކޮވަކްސްއާއި ރޭގެ މެޗުގައި ރެފްރީކަން ކުރި ކްލެމެންޓް ޓާޕިން ބާސާ އަތުން މެޗު ޖަހައިގަތް ކަމަށެވެ.
"އަހަންނަށް ފެންނަ ގޮތުގައި މިއީ ރޮބަރީއެއް. މިރޭގެ މެޗު އެކަންޏެއް ނޫން، އަނެއް މެޗުގައިވެސް ކަންތައްވީ ހަމަ މިހެން. އަހަންނަށް ފެނުނު ގޮތުގައި ރެފްރީކަން ކުރަން މިރޭ ހުރި ޓާޕިން އެތައް ގޯހެއް ހެދި. އަހަންނަށް އިހުސާސްވޭ ގޯސް ހެދިދާނެކަން. އެކަމަކު ތަކުރާރުކޮށް އެތައް ގޯހެއް ހެދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ރަފީނިއާ ބުންޏެވެ.
ރޭގެ މެޗު ނިމުނުވަގުތު ރެފްރީއަށް އިޝާރާތްކޮށް ރަފީނިއާ ވަނީ މެޗު ވިއްކާލި ކަމަށް އިޝާރާތުން ދައްކައިފައެވެ. އެ މައްސަލައިގެ އިތުރުން ރެފްރީންނަށް ފާޑު ކިޔާފައިވާ މައްސަލަ އަދި ޔޫއެފާއިން ބަލާނެ ކަމަށް ބެލެވެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު