ކުރިއަށް އޮތް ދެ މަސް ތެރޭގައި އަނިޔާއިން ރަނގަޅުވެ، އަލުން ފެންވަރު ސާބިތުކޮށްދީފިނަމަ ނޭމާ އަލުން ގައުމީ ޓީމަށް ނަގާނެ ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ނޭމާއަށް އަދިވެސް ފިޓްނަސް މައްސަލަތަކާ ދިމާވެފައިވާ އިރު، ކޯޗު އެންޗެލޮޓީ ބުނަމުންދަނީ ލެވެލް ހިފެެހެއްޓޭނަމަ ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑުން ނޭމާއަށް ޖާގަ ދޭން ވިސްނާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެންޗެލޮޓީ ދެކެން ބޭނުންވާ މަންޒަރު ނޭމާގެ ފަރާތުން ފެނިގެންނުދާތީ، އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުގައިވެސް އޭނާ ހިމަނާފައެއް ނުވެއެވެ.

ބްރެޒިލުން މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ފްރާންސާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެފައިވާ އިރު، ފްރާންސް ކައިރިން ބަލިވުމުން ސަޕޯޓަރުން ވަނީ ނޭމާގެ ނަމުން ޗޭންޓް ކޮށްފައެވެ. އެގޮތަށް ސަޕޯޓަރުން ގޮވުމާއެކު އެންޗެލޮޓީ ބުނީ މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިންނަށް ފޯކަސް ކުރުމަށެވެ.

ނޭމާއަކީ ބްރެޒިލްގެ ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ. ގައުމީ ޓީމަށް 79 ގޯލް ޖަހައިދީފައިވާ ނޭމާ، އެންމެފަހުން ބްރެޒިލް ޖާޒީގައި ކުޅެފައި ވަނީ 2023 ވަނަ އަހަރުއެވެ. އޭގެފަހުން ސީރިއަސް ކަކުލުގެ އަނިޔާއަކާއެކު ނޭމާ ސާޖަރީވެސް ހަދާފައިވާ އިރު، ބްރެޒިލް ލީގުގެ ސަންޓޮސްއަށް ކުޅެގެން ފިޓްވާން ކުރި މަސައްކަތުގައިވެސް ހުރަސްތަކަކާ ކުރިމަތިވިއެވެ.

ސީޒަން ނިމެން ދަނިކޮށް އިތުރު އަނިޔާއަކާ ކުރިމަތިވެ ނޭމާ ސާޖަރީ ހަދާފައިވާ އިރު، މިހާރު އަނެއްކާވެސް ފިޓް ކަމަށް އޭނާ ބުނެފައިވެއެވެ.

ނޭމާއަށް އުނދަގޫތަކެއް ހުރި ނަމަވެސް އެންޗެލޮޓީ އެންމެފަހުން ބުނީ ނޭމާއަށް އަދި ދެމަސް އެބައޮތް ކަމަށާއި، ހާލަތު މިދަނީ ކައިރިން ބަލަމުން ކަމަށެވެ.

"ނޭމާއަކީ ތަފާތު ހުނަރެއް. އޭނާއާއެކު ވޯލްޑް ކަޕް ހޯދޭނެ ކަމަށް ގަބޫލުކުރުމަކީ އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫން. މިހާރު ނޭމާގެ ހާލަތު އަހަރެމެން ގައުމީ ޓީމުން މިދަނީ ބަލަމުން. އޭނާއަށް އަދި ދެމަސް އެބައޮތް. އެ ދެމަސް ތެރޭގައި ކޮންސިސްޓެންޓް ވެވިއްޖެނަމަ، ނޭމާ ނަގާނަން ވޯލްޑް ކަޕް ސްކޮޑަށް. އެދެމަހުން އަހަންނަށް ފެންނަން ޖެހޭނެ ނޭމާގެ ކޮލިޓީ،" އެންޗެލޮޓީ ބުންޏެވެ.

ނޭމާގެ އަނިޔާއިން ރަނގަޅުވެ އެނބުރި އައިފަހުންވެސް ބްރެޒިލް ލީގުގައި ރަނގަޅަށް ކުޅެމުން އަންނަ އިރު، ވޯލްޑް ކަޕަކީ ޓާގެޓް ކަމަށް ކުރިން ބުނެފައިވެއެވެ.