އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ޗެލްސީ ބަލިކޮށް، ލީގު ރޭހުގައި ފިޔަވަޅެއް ކުރިއަށް އަޅައިފިއެވެ.
ޗެލްސީ ދަނޑުގައި ސިޓީން މިރޭ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ ސިޓީއަށް މުހިއްމު ނަތީޖާއެކެވެ. އާސެނަލުން މިހަފުތާ ކުޅުނު މެޗުގައި ރޭ ބޯންމައުތު ކައިރިން ބަލިވެފައި އޮތުމާއެކު މިރޭގެ މެޗަކީ ސިޓީއަށް މުހިއްމު މެޗެކެވެ.
މިރޭގެ މެޗު ކާމިޔާބުކޮށް ސިޓީން އާސެނަލާ ހަ ޕޮއިންޓަށް ގާތަށް ޖެހިލާފައިވާ އިރު، އާސެނަލް އެއްވަނައިގައި އޮތީ 32 މެޗުން 70 ޕޮއިންޓާއެކުގައެވެ. ސިޓީ ދެވަނައިގައި އޮތީ އެއްމެޗު މަދުން ކުޅެ، 64 ޕޮއިންޓާއެކުގައެވެ. ލީގުގައި އާސެނަލާއި ސިޓީ ވާދަކުރާ މެޗު އަންނަ ހަފުތާ އޮތް އިރު، މެޗު ހަމަކޮށް ޕޮއިންޓުން އެއްވަރުކުރުމަށް ސިޓީއަށް ފުރުސަތު އެބައޮތެވެ. އެ ހާލަތަށް ގޮސްފިނަމަ ދެޓީމުގެ ފަރަގަކަށް ވާނީ ފައިދާ ގޯލްގެ ތަފާތެވެ.
މެޗުގެ ފުރަތަމަ ހާފު ފެނިގެން ދިޔައީ ހަމަލާތައް މަދުކޮށެވެ. ސިޓީއަށް އެންމެ އެކަށީގެންވާ އެޓޭކްތަކެއް ކުރެވިފައިނުވާ އިރު، ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީންނެވެ. އެހެން ނަމަވެސް ދެވަނަ ހާފަށް ނުކުމެ، ސިޓީން ފެންވަރު ދައްކާލިއެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނެޓުން ފެށިގެން ސިޓީން ނުރައްކާ ކުރަން ފަށާފައިވާ އިރު، މެޗުގެ 51 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގިއެވެ. އަރިމަތިން ރަޔަން ޗެރްކީ ނަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލީ ނިކޯ އޮރެއިލީއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޗެރްކީ ޖައްސާލި ބޯޅަ ރަނގަޅަށް ކޮންޓްރޯލް ކޮށްލައި، މާކް ގޭއީ ވަނީ ގޯލް ތެރެއަށް ބޯޅަ އަމާޒުކޮށްލައިފައެވެ.
ސިޓީން ތިންވަނަ ގޯލެއް ޖެހުމަށް މާގިނައިރެއް ނުނެގިއެވެ. ޖެރެމީ ޑޮކޫ، 68 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ މޮއިސެސް ކައިސޭޑޯ އަތުން ބޯޅަ ހޯދައި، ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
މިރޭގެ މޮޅަކީ ސިޓީން ފެބްރުއަރީ މަހަށްފަހު ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އެހެން ނަމަވެސް އެ ދުވަސްތަކުގެ ތެރޭގައި ސިޓީން ވަނީ ލީގު ކަޕް ފައިނަލުގައި އާސެނަލް ބަލިކޮށްފައެވެ. އެމެޗުގައި ދެ ގޯލްވެސް ޖެހީ އުމުރުން 21 އަހަރުގެ އޮރެއިލީއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު