ކައުންސިލް އިންތިހާބުތަކަށްފަހު، އިދިކޮޅު އެމްޑީޕީތެރޭގައި ޖެހުނު މައްސަލަގަނޑު ހައްލު ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ޕާޓީީގެ ގައުމީ މަޖިލީހުގެ ދާއިމީ މެންބަރުކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިނުމަށް ނިންމައި، ޕާޓީގެ ހިންގުން އިސްވެރިން ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލު ކުރަން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެމްޑީޕީގެ ލީޑަރުންނަށް ބެހިފައިވާ ފެކްޝަންތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހުގައެވެ.
ނަން ހާމަނުކުރުމަށް އެދި އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، މިދިޔަ ރިޔާސީ އިންތިހާބުގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން އެމްޑީޕީ ރޫޅައިލައްވާނެކަަމަށް ވިދާޅުވެ ތާއީދު ކުރައްވާ މެންބަރުންނާއެކު ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމަށްފަހު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ފެއިލްވެ ވަޑައިގަތުމުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި، ރައީސް ނަޝީދަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިމީ މެންބަރުކަން ދިނުމަށްވެސް މި މަޝްވަރާތަކުން ވަނީ ނިންމައިފައެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމުގައި، އެމްޑީޕީ ހިންގަވަން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ މިވަގުތު ހުންނެވި ނަމަވެސް އެގޮތް ބަދަލު ކުރައްވައި އެމްޑީޕީ ހިންގުން ލީޑަރުންގެ ފަސް މެންބަރުން ހިމެނޭ އިންތިގާލީ ކޮމިޓީއަކާ ހަވާލު ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
އެ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. ނަމަވެސް ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ އާއި ރީކޯ މޫސާމަނިކު މި ކޮމިޓީއަކު ނުހިމެނެއެވެ.
މި ކޮމިޓީއާ އެމްޑީޕީ ހިންގުން ހަވާލުކުރަން ނިންމާފައިވަނީ، ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެންނެވެ.
އޮފިޝަލް ވިދާޅުވީ، މި ކަންކަން ހަމަޖެއްސުމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ބައްދަލުވުމަށް ރައީސް ނަޝީދަށް ގައުމީ މަޖިލީހުގެ މެންބަރުކަން ދިނުމަށާއި، ފަސް މެންބަރުންގެ އިންތިގާލީ ކޮމިޓީއަށް އެމްޑީޕީ ހިންގުން ހަވާލުކުރުމުގެ މައްސަލަ ހުށަހަޅައި، ފާސްކުރާނެއެވެ.
އިބްރާހިމް ޒަކީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ރީކޯ މޫސަ ނުހިމެނޭތަ އޭނާ އުޅެނީ ނަޝީދާ ހިތާވެގެން.
ޖަޑިބު - 2 މަސް ކުރިން