ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް މިހާރު ހައްލުކޮށް، ޕާޓީގެ ލީޑާޝިޕް އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯޅިހު މިރޭ ވިދާޅުވެއްޖެއެވެ.

ޅ. ހިންވަރުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ، ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް މިހާރު ހައްލެއް ލިބި އެއްގަލަކަށް އަރާފައިވާ ކަމަށެވެ. އަދި ޕާޓީގެ ހުރިހާ ލީޑަރުންވެސް މިހާރު އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް ސޯލިހު ވިދާޅުވިއެވެ.

"މީގެ ދެ ދުވަސް ކުރިން ޖެހުނު މައްސަލައަކާ ހުރެ އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގެ އިސްކޮށް މިތިބި ހުރިހާ މީހުން މިދަނީ މަޝްވަރާކޮށް މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އިއްޔެވެސް އަދި ރޭގައިވެސް އަދި މިއަދު ވެސް އަޅުގަނޑު ހޭދަކުރީ އެކަމުގައި. މިހާރު މިވަނީ މިކަމަށް ހައްލެއްވެސް ހޯދާފައި،" ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީ ކުރިއަށް ދާނީ މުޅި ލީޑާޝިޕް އެކުގައި އޮވެގެން ކަމަށެވެ. އަދި މިފަހަރުވެސް ދިމާވީ އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ދިމާވާ ކަހަލަ ހިޔާލު ތަފާތުވުންތަކެއް ކަމަށް ސިފަ ކުރެއްވިއެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ނަޝީދަށް ތާއީދުކުރައްވާ މީހުން ވަނީ އެ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ. މީގެ އިތުރުން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްއަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށް 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.

ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އިސްވެ ތިބެ ހުށަހެޅި އެ މައްސަލައަށް ގޮތެއް ނިންމުމަށް އަންނަ ހޯމަ ދުވަހަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްވަނީ ނިންމައިފައެވެ.

އެމްޑީޕީގެ އެތެރޭގައި މީގެ ކުރިންވެސް ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި، ނަޝީދަށް ތާއީދުކުރައްވާ މީހުން ޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދިއެވެ. ނަމަވެސް، އެ މެންބަރުން ފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލު އިންތިހާބުގެ ކެމްޕެއިންގައިވެސް ވަނީ ހަރަކާތްތެރިވެފައެވެ.