މީގެ 19 އަހަރު ކުރިން މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ސައްހަ ނޫން ފައިސާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ސިފައިންގެ ވަޒީފާއިން ސަސްޕެންޑް ކުރި މީހަކަށް އަލުން ވަޒީފާ ދިނުމަށާއި އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2007 ވަނަ އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ސިފައިންގެ މީހާ ހައްޔަރުކުރުމާ ގުޅިގެން ފެށުނު މައްސަލައެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެ އަހަރުގެ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހުއެވެ. ނަމަވެސް، އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
މި މައްސަލަ ސިވިލް ކޯޓުން ދެވަނަ ފަހަރަށް ބަލަން ޖެހުނީ، އެ ކޯޓުން ކުރިން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލަ އަލުން ބަލަން އެންގީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މައްސަލަ އަލުން ބެލުމަށްފަހު ސިވިލް ކޯޓުން މިމަހުގެ ނުވަ ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، 2016 ވަނަ އަހަރު އެ މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ހުކުމުގައި ވަނީ އެ މީހާ ސަސްޕެންޑްކުރި ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރި ދުވަހާ ހަމައަށް ލިބެންޖެހޭ ހުރިހާ މުސާރައަކާއި އިނާޔަތެއް ނަގައިދިނުމަށެވެ.
މީގެ އިތުރުން، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައެވެ.
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް
މިހާ ގިނަ ދުވަސް ނަގާ ނަމަ ޢަދުލުވެރިކަމާއި މެދު ސުވާލު އުފެދޭ.
ބަޗީ - 2 މަސް ކުރިން