ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕަކުން ފުރުސަތު ގެއްލުމާއެކު ކުރިމަތިވި ޕްރެޝަރާ ގުޅިގެން އިޓަލިއަން ސޮކާ ފެޑަރޭޝަން (އެފްއައިޖީސީ)ގެ ރައީސަކަށް ހުންނެވި، ގެބްރިއޭލޭ ގްރަވީނާ އިސްތިއުފާ ދެއްވައިފިއެވެ.
ގްރަވީނާއަކީ 2018 ވަނަ އަހަރުން ފެށިގެން އިޓަލީގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސްކަން އަދާކޮށްފައިވާ ފަރާތެކެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ އަންގާރަ ދުވަހުގެ ރޭ ކުޅުނު ޕްލޭ އޮފް މެޗުން އިޓަލީ ބަލިވެ، އަނެއްކާވެސް އިތުރު ވޯލްޑް ކަޕަކުން ފުރުސަތު ގެއްލުމުންނެވެ.
އިޓަލީން ބޮސްނިއާ ކައިރިން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އިޓަލީން އެންމެފަހުން ވޯލްޑް ކަޕްގައި ކުޅެފައި ވަނީ 2014 ވަނަ އަހަރުއެވެ. އެގައުމަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ޓީމެވެ. މިހާތަނަށް ހަތަރު ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އިޓަލީން އެންމެފަހުން ތަށި ނެގީ 2006 ވަނަ އަހަރުއެވެ.
ކުރިން އިޓަލީ ފެޑަރޭޝަންގެ ރައީސްކަމުގައި ހުންނެވީ ކާލޯ ޓަވެޗިއޯއެވެ. އޭނާވެސް އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ކޮލިފައި ނުވެވުމުންނެވެ. އޭގެފަހުން އުމުރުން 72 އަހަރުގެ ގްރަވީނާ ރައީސް ކަމަށް ވަޑައިގެންނެވީ ވާދަވެރިއަކުވެސް ނެތިއެވެ.
އާ ރައީސަކު ހޮވުމަށް އިޓަލީގެ ފެޑަރޭޝަނުން އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހު ހާއްސަ އާންމު ޖަލްސާއެއް ބާއްވަން ނިންމާފައިވެއެވެ. އިޓަލީގެ ފުޓުބޯޅައިގެ ހާލަތު ދަށްވި ދަށްވުމަށް ޖަވާބުދާރީވުމަށް، މިމަހު އަށްވަނަ ދުވަހު މަޖިލީހަށް ހާޒިރުވާން ގްރަވީނާއަށް ކުރިން އަންގާފައި އޮތް ނަމަވެސް، އެ މައްސަލަ ބެލުން ދެން މަޑުޖައްސާލާނެ ކަމަށް ނޫސްތައް ބުނެއެވެ.
އިޓަލީ ފެޑަރޭޝަންގެ ރައީސް އިސްތިއުފާދެއްވުމުން އިތުރުން ގައުމީ ޓީމުގެ ޑެލިގޭޝަން ހެޑަކަށް ހުންނެވި، އެގައުމުގެ ލެޖެންޑް ޖިއާންލުއީޖީ ބުފޮންވެސް ވަނީ އެ މަގާމުން އިސްތިއުފާދެއްވައިފައެވެ.
އިޓަލީ
އިޓަލީ
އިޓަލީ
އިޓަލީ