އިންޑިއާ ގައުމީ ޓީމާއެކު ސުނިލް ޗެތުރީ ހޯދާފައިވާ ރަން ކާމިޔާބީތައް ތަކުރާރުކުރެވޭނެ ހިތްވަރުގަދަ ކުޅުންތެރިން މިހާރުގެ ޒުވާން ޓީމުގައި ފެންނަ ކަމަށް 20 އަހަރުން ދަށު ޓީމުގެ ކޯޗު، މަހޭޝް ގޯލީ ބުނެފިއެވެ.
ޗެތުރީއަކީ މި ސަރަހައްދުގައިވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް 157 މެޗު ކުޅެ، 95 ގޯލު ޖަހައިދީފައިވާ އިރު، މިވަގުތު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ޗެތުރީއަށްވުރެ ގިނައިން ގައުމީ ޓީމަށް ގޯލު ޖަހައިދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ އެކަންޏެވެ.
އިންޑިއާއިން އަނެއްކާވެސް އުމުރުފުރާ މުބާރާތެއްގެ ފައިނަލަށް ތައްޔާރުވަމުންދާ އިރު، އެޓީމުން ސެމީ ފައިނަލުގައި ވަނީ ބޫޓާން ކައިރިން 5-0 އިން މޮޅުވެފައެވެ. އެެ މެޗަށްފަހު ނޫސްވެރިން ސުވާލުކުރުމުން ގޯލީ ބުނީ، ޗެތުރީގެ ކާމިޔާބީއާ ހަމައަށް ދެވޭނެ ކުޅުންތެރިންވެސް ފެންނަ ކަމަށެވެ.
"މި ކުޅުންތެރިންނަކީ ވަރަށް އުންމީދީ ކުޅުންތެރިންތަކެއް. ހާއްސަކޮށް ހަމަ އޮމަންގް ޑޯޑަމް ކަހަލަ ކުޅުންތެރިންނަކީ ހާއްސަ ހުނަރުވެރި ކުޅުންތެރިން. އަހަރެން ބޭނުންވޭ މި ކުޅުންތެރިން އިތުރަށް ކުރިއަށް ދާން. މި ކުޅުންތެރިން ތެރޭގައި އެބަތިބި ސުނިލް ޗެތުރީ ހިނގި މަގުން ހިނގިދާނެ ކުޅުންތެރިން،" ގޯލީ ބުންޏެވެ.
ކޯޗު ގޯލީ ބުނީ ސެމީ މެޗު ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ފުރަތަމަ ހާފު ތަންކޮޅެއް ފަސޭހަ ކޮށްލެވުނު ނަމަވެސް، ދެވަނަ ހާފުގައި އިތުރު މަސައްކަތެއް ކުޅުންތެރިން ކުރި ކަމަށެވެ.
ގޯލީ އިތުރަށް ފާހަގަކުރީ މުބާރާތަށް ނުކުމެ، މިހާތަނަށް މަސައްކަތް ކުރަމުން ދަނީ ހުރިހާ މެޗަކީވެސް މުހިންމު މެޗެއް ކަމަށް ބަލައިގެން ކަމަށެވެ. އަދި ފައިނަލް މެޗަކީވެސް އެ މުހިންމުކަން ދޭނެ މެޗެއް ކަމަށާއި، އެ މެޗުގައި އޮންނާނެ މާހައުލަށްވެސް އޮތީ ތައްޔާރަށް ކަމަށެވެ.
"އަހަރެމެންނަށް މިހާތަނަށް ހުރިހާ މެޗެއްވެސް ހަމަ އެއްވަރަކަށް މުހިންމު. އެކަމަށް ތައްޔާރުވެގެން މުބާރާތަށް ނުކުތީވެސް. ކުޅުންތެރިންނަށް އެނގޭނެ ބަންގްލަދޭޝްގެ ނުރައްކާވެސް. ބަންގްލަދޭޝްއަކީ ވަރަށް ހުނަރުވެރިވެސް ޓީމެއް. ބަންގްލަދޭޝްއަށް މި ދަނޑުގައި އެބައޮތް ބޮޑު ސްޕޯޓެއްވެސް. އެކަމަކު އަހަރެމެންގެ މިތިބީ އެކަމަށް ހޭނިފައި ތިބި ކުޅުންތެރިން،" ގޯލީ ބުންޏެވެ.
އިންޑިއާއަށް ކުރިން ކުޅެ، މިހާރު ކޯޗިންގެ މަސައްކަތް ކުރަމުން އަންނަ ގޯލީ ބުނީ މިހާރު ސާފްގެ ފެންވަރު މަތިވެފައިވާ ކަމަށާއި، އެއީ ސަރަހައްދީ ފުޓުބޯޅައަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
ބަންގްލަދޭޝްއާއި އިންޑިއާ ވާދަކުރާ 20 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލް މެޗު ގައުމީ ދަނޑުގައި މިރޭ ފަށާނީ 8:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް