ޕޮލިސް ސާޖަންޓް ކ. ކާށިދޫ/ ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވާ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާއަށް މަރުގެ ހުކުމް ކުރިމިނަލް ކޯޓުން އިއްވައިފިއެވެ.

ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމުގެ ކުށް ސާބިތުވެ، ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ. އެ މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުން އެ ހުކުމަށް ތާއީދު ކޮށްފައިވަނީ 30 ސެޕްޓެމްބަރު 2020 ގައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ މަރަން އިއްވި ހުކުމް ހައިކޯޓުން ވެސް ދަމަހައްޓާފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ މައްސަލަ އަލުން ބަލަން އަމުރުކޮށްފައެވެ. ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލައި، ސަމާހުގެ މައްޗަށް އާދަމް ހަލީމް މަރާލި ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ.

އޭނާގެ މައްޗަށް ހުކުމް ކުރުން ކުރިމިނަލް ކޯޓުން ތާވަލުކޮށްފައިވަނީ މިއަދަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައިވަނީ އާދަމް ހަލީމްގެ ވާރިސުންގެ ބަސް ހޯދައިފައެވެ. ހުރިހާ ވާރިސުންވެސް ބޭނުންވީ ސަމާހުގެ ކިބައިން މަރަށް މަރު ހިފަންށެވެ. އެހެންވެ ކުރިމިނަލް ކޯޓުންވަނީ ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެވެ.

ސާޖަންޓް އާދަމް ހަލީމް މަރާލާފައި ވަނީ ސަމާހު ގޭބަންދުކޮށްފައި ހުއްޓައި ރަށު ތެރޭގައި އުޅެނިކޮށް އޭނާ ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅެނިކޮށް ދިން ހަމަލާގައެވެ. އެވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ސަމާހު އޭރު ދަށު ކޯޓުގައި ބުނެ ކުށަށް އިއުތިރާފުވެސް ވިއެވެ.

ނަމަވެސް ފަހުން އެކަމަށް އިންކާރުކޮށް އޭނާ ބުނެފައިވަނީ ކުށަށް އިއުތިރާފުވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ. ދަށު ކޯޓުން އެއިރު ސަމާހު މަރަން ހުކުމްކުރީ އަމިއްލަ އިއުތިރާފަށް ރިއާޔަތްކޮށެވެ.