އައްޑޫސިޓީގެ ގަން އިންޓާނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ގާއިމުކޮށް ހިންގުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ މޯލްޑިވްސް ޑިއުޓީ ފްރީގެ ފަރާތުން ކަމާގުޅޭ ތައްޔާރީތައް ވާން ފަށައިފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ އައްޑޫ ސިޓީގެ ގަން އިންޓާނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި މަތީ ފަންތީގެ ބައިނަލްއަގުވާމީ ޑިއުޓީ ފްރީއެއްގެ ގާއިމްކުރުމުގެ މަގުސަދަކީ ލަގްޒަރީ ރީޓެއިލްގެ ހިދުމަތް ރާއްޖޭގެ ދެކުނަށް ތައާރަފްކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމާއެކު، ރާއްޖޭގެ ދެކުނުގެ ވިޔާރީގެ ފުރުސަތުތައް ފަހިކޮށް، ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ހަލުވިކުރުމެވެ.

މިއީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

"އައްޑޫސިޓީގެ ގަން އިންޓާނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރުމަށް ތައްޔާރުވަމުން މިދާ ޑިއުޓީ ފްރީ އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ރޫޓުތައް ދެކުނުގެ ވިއުގައަށް ތައާރަފްކުރުމުގެ ފުރުސަތުތައް ފަހިވެގެން ދިއުމާއެކު، ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތައް އުފެދިގެންދާނެ. މި ޑިއުޓީ ފްރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރެވިގެންދާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން." އެމްއޭސީއެލުން ބުނެއެވެ.

މިއީ އައްޑޫސިޓީގެ އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން ގެންގުޅެމުން އަންނަ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން އެޅިގެންދާ އިގުތިސޯދީ މުހިންމު ފިޔަވަޅެކެވެ. އަދި މިކަމަކީ ރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އުފުލާލުމަށާއި ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު މުހިންމު ބަހާއެއް ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.