ގަން އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ކެނަބިސްއެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3345 ގްރާމް ހުރި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އަންގާރަ ދުވަހު އިންޑިއާއިން ރާއްޖެ އައި އިންޑިއާގެ ދެ ފަސިންޖަރެއްގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި މި ލަގެޖްތައް ބަލައި ފާސްކުރީ، އޭގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެންނެވެ.

މި މައްސަލައިގައި ޝާމިލުވާ ދެ މީހުންނަކީވެސް އިންޑިއާގެ ރައްޔިތުންނެވެ.