މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތައް މި އަންނަ ރޯދަމަހު ސީދާ އައްޑޫ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ފަށަން ނިންމައިފިއެވެ.
އައްޑޫން ޖިއްދާއަށް ރަމަޟާން މަހުގެ ފަހު 15 އަދި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ބާއްވާ މި އުމްރާ ދަތުރުގެ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. އެ ފްލައިޓުގެ ދަތުރު ބާއްވާނީ އަންނަ އަހަރު ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ގަމުން ސީދާ ޖިއްދާއަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިއީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑު އާއި ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އިންތިޒާމުކުރާ ހާއްސަ ދަތުރެއް ކަމަށެވެ.
މުޅި ރޯދަމަހު އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލާފައިވާއިރު، އެ އުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ ފަހެލި ޕޯޓަލް އަދި ވެބްސައިޓް މެދުވެރިކޮށް އުމްރާއަށް ޖާގަ ކަށަވަރު ކުރެވޭނެއެވެ.
މި އުމްރާ ދަތުރަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ.
އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ހައްޖުވެރިންނާއި އުމްރާވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި، ޖުލައި މަހާއި ޑިސެމްބަރު މަހުގެ އިތުރުން ރޯދަމަހު ވެސް އައްޑޫން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުން ކަމަށެވެ.
އެ ދަތުރުތައް މިގޮތަށް އިންތިޒާމުކުރުމަށް ފަހިވެފައި ވަނީ، ގައުމީ އެއާލައިން މޯލްޑިވިއަން އިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން ކަމަށާއި މިއީ މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ފުޅާކުރުމަށް ހައްޖު ކޯޕަރޭޝަނަށް ލިބުނު ބޮޑު ބާރެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އައްޑޫން ޖިއްދާއަށް ދަތުރުތައް ފަށަނީ ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި، ފަސޭހަކަމާ އެކު އުމްރާގެ އަޅުކަމަށް ދަތުރުކުރެވޭނެ މަގު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން އުމްރާ ދަތުރުތައް އައްޑޫ ގަމުން ސައުދި އަރަބިއްޔާގެ ޖިއްދާއަށް ފަށަން ނިންމާފައިވާ އިރު، އައްޑޫއަށް ނިސްބަތްވާ އުމްރާ ގްރޫޕެއް ކަމަށްވާ "ދަތުރުވެރިޔާ" އިން މިދިޔަ ޖުލައި މަހު އައްޑޫއިން ޖިއްދާއަށް އުމްރާ ދަތުރެއް ބާއްވައިފައެވެ. އެއީ އައްޑޫން ޖިއްދާއަށް އުމްރާ ދަތުރެއް ކުރި ފުރަތަމަ ފަހަރެވެ. ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ-330 ގެ މަތިންދާބޯޓު ކުރި އެ ދަތުރުގައި ހަމައެކަނި އައްޑޫސިޓީން 110 އުމްރާވެރިން ބައިވެރިވިއެވެ.
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަން
ކޮމެންޓް