މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފައިނަލުގެ ދެވަނަ ޖާގަ އެންމެފަހުގެ އުމުރުފުރާ މުބާރާތުގެ ޗެމްޕިއަން އިންޑިއާއިން ހޯދައިފިއެވެ.

ސާފުން އުމުރުފުރާ މުބާރާތްތައް ބާއްވަމުން އަންނަނީ 18، 19 އަދި 20 އަހަރުން ދަށަށެވެ. އެކި ފަހަރު އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވަމުންދާ އިރު، އެންމެފަހުން 19 އަހަރުން ދަށަށް 2025 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައިވެސް ކުޅުނީ އިންޑިއާއާއި ބަންގްލަދޭޝްއެެވެ. އެފަހަރު ފައިނަލުގައި އިންޑިއާއިން ވަނީ ޕެނަލްޓީގައި ބަންގްލަދޭޝް ބަލިކޮށްފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝްއިން 1-0 އިން ނޭޕާލް ބަލިކޮށް ފައިނަލް ޔަގީންކޮށްފައިވާ އިރު، އިންޑިއާއިން މިރޭ ކުޅުނު މެޗުގައި ބޫޓާންގެ މައްޗަށް ކުރި ހޯދީ 5-0 އިންނެވެ. ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ފަސޭހަކަމާއެކު ބޫޓާން ބަލިކުރި އިރު، އެންމެ ފުރަތަމަ މިނެޓުން ފެށިގެންވެސް އެޓީމު ފެނިގެން ދިޔައީ މާ ބޮޑަށްވެސް ޑޮމިނޭޓް ކޮށްގެން ކުޅުނުތަނެވެ.

ފަސްވަނަ މިނެޓުގައި އިންޑިއާއިން ލީޑު ނަގާފައިވާ އިރު، އެ ގޯލް ޖަހައިދިނީ ފޯމު ރަނގަޅުކޮށް ހުރި އޮމަންގް ޑޯޑުމްއެވެ. އޭގެފަހުން ހާފު ނިމެން ދަނިކޮށް ކައުންޓާއެއްގައި އެމްޑީ އަރްބާޝް ޖަހައިދިން ގޯލާއެކު އިންޑިއާ ދެވަނަ ގޯލެއް ޖެހި އިރު، ޑޯޑުމްގެ އިތުރު ހަމަލާއެއް ބޫޓާންގެ ޑިފެންޑަރު ބްލޮކް ކޮށްފައިވެއެވެ.

އޭގެފަހުން ބޫޓާނުން ކޮންމެވެސް ވަރަކަށް ނުރައްކާ ކޮށް، ސޯނަން ޑޯޖީ ދުރުން ފޮނުވާލި ބޯޅައެއް ދަނޑިއަށްވެސް އަމާޒު ކޮށްލިއެވެ. އެހެން ނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފު ފެށިގެންވެސް އިންޑިއާއިން މެޗުގެ ކޮންޓްރޯލް ދަމަހައްޓަމުން ގޮސްފައިވާ އިރު، މެޗުގެ 56 ވަނަ މިނެޓުގައި އިތުރު ދެ ގޯލް ޖެހިއެވެ. އެ ދެ ގޯލްވެސް ޖެހީ ރޯހެން ސިންހް ޗަޕަމަޔުމްއެވެ. އެ ދެ ގޯލާއެކު އިންޑިއާއިން ހަމަޖެހިލާފައިވާ އިރު، މެޗުގެ ފަހުކޮޅުގައި އިންޑިއާއިން އިތުރަށް ނުރައްކާ ކުރިއެވެ.

އަރްބާޝްގެ ހަމަލާއެއްގެ އިތުރުން އެމްއެސް ޓޮކްޗޮމްގެ ހަމަލާއެއްވެސް ދަނޑިއަށް އަމާޒުވި އިރު، އެ ނުރައްކާތަކުގައި އިންޑިއާގެ ފަސްވަނަ ގޯލް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީވެސް ޓޮކްޗޮމްއެވެ. އެއީ އޭރިއާ ތެރެއަށް ވަދެ، ފަސޭހަކަމާއެކު ގޯލްގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

ސާފް 20 އަހަރުން ދަށު މުބާރާތުގެ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރޭގައެވެ.