ޑިސިޕްލިނަރީ މައްސަލައެއްގެ ސަބަބުން ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ޓީމާއެކު މަސައްކަތް ކުރަމުންދާ އިރު، އަލުން ކުރިއަށް ދާ ދިޔުމުގައި ކުރިން ހެދުނު ގޯސް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ފިލިޕީންސާ ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހު ކުޅުނު މެޗަށް ޕްރެކްޓިސް ފެށިއިރު، އެ ސެޝަނުގައި ބައިވެރިނުވެ، ފުޓްސަލް މުބާރާތެއް ކުޅެން ދިޔުމުން އައިހަމް ސްކޮޑުން ބޭރުކުރީ އެފްއޭއެމްގެ ބަޔާނަކާ އެކުގައެވެ.
ނޮވެމްބަރު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް އޭޝިއަަން ކަޕްގެ ކޮލިފައިންގައި ގައުމީ ޓީމުން ކުޅެން އޮތް މެޗުގެ ފުރަތަމަ ޕްރެކްޓިސްއަށް އައިހަމް ހާޒިރުވެފައި ނުވާ އިރު، އައިހަމް އޭރު ހުރީ ތިލައުތުރު ފުޓްސަލް މުބާރާތުގައި ކުޅުމަށް އުތީމުގައެވެ.
ގައުމީ ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި މުހައްމަދު ޝިޔާޒް (މޯހަން) އައިހަމަށް ފިޔަވަޅު އަޅާފައިވާ އިރު، އަލުން މިހާރު ޓީމަށް ނުކުމެ ހުރީ މައާފަށްވެސް އެދުމަށްފަހުއެވެ.
"ހިނގާދިޔަ ކަންތަކާ ދޭތެރޭ އެހާ ބޮޑަކަށް ނުވިސްނަން. އެއީ ޕާސްޓް ދޯ. އެކަން ދޫކޮށްލާފިން. އެކަހަލަ ކަމެއް ޔަގީނުންވެސް އިރާދަކުރެއްވިއްޔާ ތަކުރާރެއް ނުވާނެ. ޓީމަށް މުހިއްމު ކުޅުންތެެރިއެއްގެ ގޮތުގައި ހުރެ، ކުރިއަށް ދާން ވިސްނުން ހުރީ،" ޓިމޯ ލެސްޓޭއާ ދެކޮޅަށް މިއަދު ކުޅޭ މެޗާ ގުޅިގެން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން އައިހަމް ބުންޏެވެ.
ޓިމޯ ލެސްޓޭ އިން ވަނީ މިދިޔަ އަހަރު ޖޫން މަހު އެ ގައުމުގައި ކުޅުނު މެޗުން، ރާއްޖެ އަތުން 1-0 އިން މޮޅުވެފައެވެ. މިއަދު ގައުމީ ދަނޑުގައި ކުޅެން އޮތް މެޗަކީ ރާއްޖެއަށް އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފަހު މެޗެވެ. މިހާތަނަށް ގްރޫޕުގައި މޮޅެއްް ނުލިބި އޮތް އޮތުމަށް ނިމުން ގެންނަން މިއަދު ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ.
މިއަދުގެ މެޗަކީ އަލުން ޓީމާ ހަވާލުވި، ހަންގޭރީގެ އިސްތަވަން އުރުބާނީގެ ފުރަތަމަ މެޗުވެސް މެއެވެ. 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އުރުބާނީ ކޯޗުކަން ކޮށްދިން ނަމަވެސް، މިއީ ސީނިއާ ޓީމު ގޮވައިގެން އޭނާ މިފަހަރު ނުކުންނަ ފުރަތަމަ މެޗެވެ.
އައިހަމް ބުނީ އުރުބާނީގެ ސްޓައިލް ކަމުދާ ކަމަށާއި، އެ ސްޓައިލުން ދިވެހި ކުޅުންތެރިންނަށް ފައިދާ ކުރާނެ ކަމަށެވެ.
"އަދި މިއީ ކޯޗާއެކު ފުރަތަމަ ދުވަސްކޮޅު. އެކަމަކުވެސް ވަރަށް ކުޅޭ ހިތްވާ ކަހަލަ ސްޓައިލެއް ކޯޗު މި ގެންގުޅެނީ. ދިވެހި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފައިދާވާނެ ސްޓައިލަކަށް ކޯޗު މި ކުޅުވަން މަސައްކަތް ކުރަނީ. އެއީ ފިޒިކަލީ ބެލިޔަސް ދިވެހި ކުޅުންތެރިންނަކީ ބޮޑެތި ބޯޅަތަކެއް ޖަހައިގެން ކުޅެވޭނެ ޓީމެއް ނޫން ކަންނޭނގެ. ތިރިން ބޯޅަ ކުޅޭ ކަހަލަ ސްޓައިލެއް މި ގެންގުޅެނީ. އެހެންވީމަ ވަރަށް ރަނގަޅު މިހާތަނަށް ކޯޗާއެކު ކުރެވުނު މަސައްކަތް. ދެން އަދި އެހާ ގިނަ ވަގުތު ނުލިބޭތީއާއެކުވެސް އަދި ސީދާ އެ ބަދަލެއް ނާންނާނެ،" އައިހަމް ބުންޏެވެ.
އުރުބާނީއަކީ ދިވެހި ފުޓުބޯޅައަށް ފަރިތަ، ކުރިން ގައުމީ ޓީމަށް ދެފަހަރަށް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. އޭނާއާއެކު ގައުމީ ޓީމުން ކުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ އިރު، އެންމެ ފުރަތަމަ އުރުބާނީ ރާއްޖެއަށް ކޯޗުކަން ކޮށްދިނީ 2009 ވަނަ އަހަރުއެވެ.
އޭގެފަހުން އަނެއްކާވެސް 2011 ވަނަ އަހަރުން 2013 ވަނަ އަހަރަށް އުރުބާނީ ރާއްޖެއާއެކު މަސައްކަތް ކުރިއެވެ.
މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު