މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލެ ފޭސް ދޭއްގައި ހަދާ 1،190 ފުލެޓުގެ ބިންގާ މިރޭ އަޅައިފިއެވެ.

ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"އިން އެ ހައުސިން މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ.

ފޭސް އެކެއްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބު ބީއެމްއެލްގެ ސީއީއޯ ޝަރީފް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި ބީޔޫސީޖީ ކުންފުނީގެ އިސްވެރިންނެވެ.

ބީއެމްއެލުން މާލޭ ސަރަހައްދުގައި ޖުމުލަ 3،260 ހައުސިން ޔުނިޓު ހެދުމަށް ވަނީ ހަމަޖެހިފައެވެ. 3،260 ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏާ ހަވާލުކޮށްފައެވެ.

ގެދޮރު މިލްކުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން، އެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްއަށް މިހާރު ދޭން ޖެހެއެވެ.

ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދައާއެކު، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ބިންތައް ހަވާލުކުރީ އެ ކުންފުންޏާއެވެ. އެ ބިންތައް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުގައެވެ.

ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2،960 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ބީއެމްއެލުން ކުރިއަށްގެންދާނެއެވެ.

މިމަހުގެ 21 ވަނަ ދުވަހު ބީއެމްއެލުން ވަނީ ހުޅުމާލެ ފޭސް ތިނެއްގައި ހަދާ 1،224 ހައުސިން ޔުނިޓުގެ ބިންގާވެސް އަޅައިފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވަނީ ވިލިމާލޭގައި ހަދާ 300 ފުލެޓުގެ ބިންގާ އަޅައިފައެވެ. އޭގެ އިތުރުން އިއްޔެ ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހަދާ 182 ފުލެޓުގެ ބިންގާ އަޅައިފައެވެ.