އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި "ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމް"ގެ ދަށުން ހިންގާ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒް ކުރުމަށްޓަކައި، މާލީ ހަތަރު އިދާރާއަކާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި ބައިވެރިވެ ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ މުހައްމަދު ޝަރީފް، އެމްއައިބީގެ މެނޭޖިން ޑިރެކްޓާ މުފައްދަލް އިދްރީސް ހްމްރީ، އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޒީނާދު، އަދި އެމްއެފްއެލްސީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓާ އިބްތިޝާމާ އަހްމަދު ސައީދެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ނިންމި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމްޔޫޑީއާރްޕީ)ގެ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ދިވެހި ގިނަ އާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތައް ކަމަށެވެ.

ސަރުކާރުން އެ ޕްރޮގްރާމްގެ ދަށުން އެ ދެ ބައި އިތުރުކުރި މައިގަނޑު މަގުސަދަކީ އެ ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ، މާލީ ދަތިތަކުގެ ސަބަބުން މިހާތަނަށް ގެދޮރު އިމާރާތް ކުރެވިފައިނުވާ ފަރާތްތަކަށާއި އަދި އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށް:

  • ހެލްޕް ޓު ބިލްޑް.

އެ ބައިގެ ދަށުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން ބުންޏެވެ. އެބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކަމަށާއި، އޭގެ ތެރޭގައި ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނޭކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ ސްކީމުގެ ދަށުން 1،000،000 ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް 200،000 ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި އާއިލީ ބިމެއްގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތް ކުރަން ބޭނުންވާ ހާލަތެއްގައި، ބޮލަކަށް 200،000 ރުފިޔާގެ މަގުން، 1،000،000 ރުފިޔާއާ ހަމައަށް ލޯނުގެ އިކުއިޓީ ޕޭމަންޓްގެ ގޮތުގައި ހަމަޖައްސައިދެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، އެ އުސޫލު ހިނގާނީ ހަމައެކަނި މާލޭގެ ބިންތަކަށްކަމަށް މިނިސްޓްރީން ބުންޏެވެ. ކުރެހުމާއި ބީއޯކިއުއަށް ބަލައި އެއް މިލިއަނަށް ވުރެ މަތިން ލޯނު ނެގި ނަމަވެސް، ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް 200،000 ރުފިޔާކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއަކަށް ވީނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފި ނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

  • ހެލްޕު ޓު ބައި.

މިނިސްޓްރީން ބުނީ އެ ބައިގެ ދަށުން ޕީޕީޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިން ޔުނިޓެއް ގަތުމަށް 250،000 ރުފިޔާއާ ހަމައަށް އެހީ ދޭނެކަމަށެވެ. މިއީ 2024 ގެ ހިޔާވަހި ސްކީމާ ވަކިން ހިންގާ ސްކީމެއްކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން، ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށްވެސް 250،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައިކަމަށް މިނިސްޓްރީން ބުންޏެވެ. އެ އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ސީދާ ޑިވެލޮޕަރަށް ދައްކާއިރު، ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށްކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބިދޭކަމަށް މިނިސްޓްރީން ބުންޏެވެ.