ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ އެހީގައި ނިޔާފް މުހައްމަދު ފެށި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެ، ވިޔަފާރި ފުޅާކޮށްފިއެވެ.
ގދ. ހޯނޑެއްދޫގައި ގާއިމުކޮށްފައިވާ މި ފެކްޓަރީން އުފައްދާ ޓޫނާ ޖާކީ މިހާރު ރާއްޖޭގެ 17 އަށްވުރެ ގިނަ ރަށެއްގެ 80 އަށްވުރެ ގިނަ ފިހާރައިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ 30 އަށްވުރެ ގިނަ ފިހާރައާއި ބައެއް ރިސޯޓުތައް ހިމެނެއެވެ.
ބީއެމްއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި ޒަމާނީ ޕްރޮސެސިން އަދި ޕެކޭޖިން ވަސީލަތްތައް ބޭނުންކޮށްގެން މި ވިޔަފާރި ފެށުމުގެ މައިގަނޑު މަގުސަދަކީ، ޕްރޮޓީން ގިނަ، ރައްކާތެރި އަދި އީޖާދީ ކަނޑުމަހުގެ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، ދިވެހި މަސްވެރިން ބާނާ މަހުން ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފައްދައި، މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ ވެސް މި ވިޔަފާރީގެ މުހިންމު އަމާޒެކެވެ. "ދަ އައިލެންޑް ފެކްޓްރީ" އަކީ 2024 ވަނަ އަހަރު ހުޅުވާލި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކުރި ވިޔަފާރިއެކެވެ.
ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަކީ އާ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ކޮންމެ އަހަރަކު ވެސް ހޮވާލެވޭ އެންމެ އުއްމީދީ ދެ ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީ ބޭންކުން ދޫކުރެއެވެ. މިއީ ގައުމުގެ އިގުތިސާދީ ދުވެލި ހަލުވިކޮށް، އީޖާދީ ވިސްނުންތަކާއެކު ނުކުންނަ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ބީއެމްއެލުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް